ހުޅުމާލޭގައި ބިދޭސީއަކަށް ހަމަލަދިނުމަށްފަހު، އޭނާގެ އަތުން ފޭރިއްޖެއެވެ.
ފުލުހުން ބުނީ، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އާދިއްތަ ދުވަހުގެރޭގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ބިދޭސީއަކަށް ހަމަލަދިނުމަށްފަހު، އޭނާގެ ފޯނާއި ވޮލެޓު ފޭރިގަނެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އޭގެ އިތުރުން، ބިދޭސީ މީހާއަށް ހަމަލަދިނުމާ ގުޅިގެން އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަންވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު، ނިމިދިޔަ 2020 ވަނަ އަހަރު އެކަނިވެސް ވައްކަމާ ގުޅޭ 3500 ށްވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވެއެވެ. އަދި ފޭރުމުގެ 300 ށްވުރެ ގިނަ މައްސަލަ ނިމިދިޔަ އަހަރު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.