ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެއަރޕޯޓް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 01 ޖެނުއަރީ 2021 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަަމަށެވެ.
އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ހަދާ ފަރެސްމާތޮޑާ އެއަރޕޯޓްގައި، 1200 މީޓަރުގެ ރަންވޭއެއް ތަރައްޤީ ކުރުމަށާއި ޓެކްސީވޭއަކާއި އޭޕްރަންވޭއަކާއި އޭޕްރަންއަކާއި ސަރވިސް ރޯޑު އިމާރާތް ކުރުމަށް ވަނީ ނިންމާފައެވެ. ރަންވޭގެ އިތުރަށް ޓާރމިނަލާއި އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް ވެސް އެމްޓީސީސީ އާއި ވަނީ ހަވާލުކޮށްފައެވެ.
އެއަރޕޯޓް ތަރައްޤީ ކުރުމުގެ މި މަޝްރޫއު އަކީ 144.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ރާއްޖޭގެ ކޮންމެ ރަށަކުން 30 މިނެޓުގެ ދަތުރަކުން ދަތުރު ކުރެވޭ ސަރަޙައްދުގައި އެއަރޕޯޓް އެޅުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.