ދުނިޔެއަށް އިންސާނުން ފޮނުއްވާފައިވަނީ އިމްތިހާނަކަށް ކަމަށާއި ދުނިޔޭގައި އުލޭ އިރު އަބަދުވެސް މަރުމަތިން ހަނދާންކޮށް ހެޔޮ އަމަލުތައް ގިނަކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.
އާ އަހަރުގެ ފުރަތަމަ ހުކުރު ހުތުބާގައި ބުނީ އިންސާނުން ދުނިޔެއަށް ފޮނުއްވާފައި ވަނީ ވަކި ހާއްސަ މަގްސަދެއްގައި ކަމަށެވެ. އެއީ މާތް ﷲ އެންގެވި ގޮތަށް ހަޔާތުގެ ދުވަސްތައް ހޭދަކުރުން ކަމަށް ބުންޏެވެ. ހުތުބާގައި ބުނީ ކޮންމެ އިންސާނަކީ ވެސް އަދި ދުނިޔޭގައި ލައްވާފައިވާ ކޮންމެ ދިރޭ އެއްޗަކީ ވެސް މަރު ދެކެން ޖެހޭނެ އެއްޗެއް ކަމަށެވެ. މި ދުނިޔެ އަކީ ދާއިމީ ތަނެއް ނޫން ކަމާއި މިއީ ހަމައެކަނި އާހިރަތް ބާއްޖަވެރިކުރުމުގެ މައިދާނެއް ކަމާއި މިތަނުގައި ހެޔޮއަމަލު ގިނަ ކޮށްފި މީހަކަށް އާހިރަތުގައި ކާމިޔާބު އޮތްކަން ވެސް ހުތުބާގައި ހަނދާކޮށްދީފައި ވެއެވެ.
ދުނިޔޭގައި އުލޭ އިރު އަބަދުވެސް މަރުމަތިން ހަނދާންކުރަން ކީރިތި ރަސޫލާ އިރުޝާދުދެއްވާފައިވާ ކަން ވެސް ހުތުބާގައި ފާހަގަކޮށްފައި ވެއެވެ. ހުތުބާގައިވާގޮތުން ގިނަ ގިނައިން މަރުމަތިން ހަނދާންކުރާ މީހަކަށް އަޅުކަމުގެ ޝައުގުވެސް އުފެދެ އެވެ. އެގޮތުން ގިނަ ގިނައިން ތައުބާވުމާއި ފުދުންތެރިކަން ވެސް އިތުރުވާނެ ކަމަށާއި، މަރުމަތިން ހަނދާންނުކުރާ ނަމަ އެފަދަ ނިއުމަތްތައް މިންވަރުނުކުރައްވާނެ ކަމަށް ވެސް ވެ އެވެ.
މަރުގެ ވަގުތު ސިފަކޮށް ހުތުބާގައި ބުނީ އެއީ ވަރަށް ސުންޕާކަން ބޮޑު ވޭންދެނިވި ވަގުތެއް ކަމަށެވެ. އިންސާނާ އަށް މަރު ކުރިމަތިވާ ވަގުތަކީ ވަރަށް ގިނަ ކަންކަން ހަނދާންވާ ވަގުތެއް ކަމަށެވެ. އެގޮތުން ވަށައިގެން ތިބި މީހުންނާ ވާހަކަދައްކަން ބޭނުންވުމާއި ދުނިޔޭގައި ހުރެ ތިމާއަށް ނުކުރެވި ހުރި ކަންކަން ކުރަން ވެސް ބޭނުންވާނެ ކަމަށް ވެއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް އެ ވަގުތުގައި ނުކުރެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ދުނިޔޭގައި ދިމާވާނެ އިމްތިހާންތަކާއި ދަތިވަގުތުތަކުގައި އަބަދުވެސް މާތް ﷲ މަތިން ހަނދުމަކޮށް މަރުމަތިން ހަނދާންކޮށް ގިނަ ގިނައިން ތައުބާވުމަށާއި ހެޔޮ އަމަލުތައް ގިނަ ކުރުމަށް ހުތުބާގައި ނަސޭހަތްތެރިވެފައި ވެއެވެ.