'މޯލްޑިވްސް ބޯޑަރ މައިލްސް' ޕްރޮގްރާމްގެ ޕާރޓްނަރަކަށްވުމަށްޓަކައި ވަރަށް ގިނަ އޮފަރތައް އަންނަމުންދާ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލަރ މުހައްމަދު އަހުމަދު، (ހަނަފީ) ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު 2021 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ދެންނެވުމާއި މޯލްޑިވްސް ބޯޑަރ މައިލްސް ރަސްމީކޮށް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހަނަފީ ވިދާޅުވީ ގިނަ އޮފަރތައް އަންނަމުންދާއިރު އަދިވެސް އިތުރު ޕާޓްނަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ވީހާ ވެސް ގިނަ ބަޔަކަށް ފުރުސަތު ލިބޭނެ ގޮތަށް މި ޕްރޮގްރާމް ބައްޓަން ކުރަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
ކޮންމެ ފަތުރުވެރިޔަކަށް ވެސް ފަސޭހަކަމާއެކު ސައިޓް މެދުވެރިކޮށް ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށާއި ބޯޑަރު ހުރަސް ކުރާ ކޮންމެ ފަހަރަކު ޕޮއިންޓްތައް އިތުރުވަމުންދާނެ ކަމަށް ހަނަފީ ވިދާޅުވިއެވެ.
ހަނަފީ އިތުރަށް ވިދާޅުވީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ނެތުމާއެކު މިއީ ކާމިޔާބު ޕްރޮގްރާމަކަށް ހެދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. ފަށައިގަތުމުގައި ގޮންޖެހުންތަކާއި ދިމާވިކަން ފާހަގަކުރައްވާ ހަނަފީ ވިދާޅުވީ ޕާޓްނަރުންގެ އެއްބާރުލުން ވަރަށް ބޮޑު ލިބުނު ކަމަށެވެ.
2021 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އައިސްފައިވަނީ ގަތަރުގެ ފްލައިޓަކުންނެވެ. ޖަރުމަންވިލާތަށް ނިސްބަތްވާ މި ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމުގެ ހިލޭ މެމްބަރޝިޕް ވެސް ވަނީ ދީފައެވެ.
ފަތުރުވެރިންނަށް ޙާއްސަ، އަދި މި ޕްރޮގްރާމުގެ ސަބަބުން ލިބޭ ފައިދާތައް ތިން ދަރަޖައަކަށް ބަހާލެވިގެންވާ "ލޯޔަލްޓީ" ޕްރޮގްރާމުގެ ޕާރޓްނަރުންނަށްވާ ފަރާތްތަކަށް ވަރަށް ޚާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، އިތުރަށް ފުޅާކުރުމުގެ މަޤްޞަދުގައި ތަޢާރަފްކުރި މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ މަޤުބޫލުކަން އިހުނަށްވުރެން މުޅި ދުނިޔޭގައި އިތުރުވެގެން ދާނެކަމަށާއި، ނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމަށް ލިބިފައިވާ މަޤްބޫލުކަމުގެ ފައިދާ، މިހާރަށްވުރެ ވެސް ފުޅާ ގޮތެއްގައި ލިބިގެންދާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ.
މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރުތައް ހުޅުވުމަށްފަހު ވެސް ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވި ގޮންޖެހުންތަކުން އަރައިގަނެ، ފަތުރުވެރިން އިތުރު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ފަސް ލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެއަށް އައިސްފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. 2020 ވަނަ އަހަރު 552،811 އަށް ވުރެން ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. ބޯޑަރު ހުޅުވި ފަހުން 169،964 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މި އައު އަހަރަށް ޓޫރިޒަމް މިނިސްޓްރީ އިން ކަނޑައަޅާފައިވާ އަމާޒަކީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.