މިދިޔަ އަހަރު ފާސްކުރި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނުނުގެ ދަށުން ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ދައުވާ އުފުލި ފުރަތަމަ މައްސަލައަކަށް ރުޤްޔާގެ ނަމުގައި 3 މައިންނަށް އަނިޔާކުރި މައްސަލަ ވެއްޖެއެވެ.
މި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އުފުއްލަވާފައިވާ ދައުވާތަކުގެ ތެރޭގައި ޤާނޫނު ނަންބަރު: 19/2019 ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ 122 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާއާއި، މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާ މެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯޓު ނުކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.
އަދި މިއީ އަލަށް ފާސްކުރި މި ޤާނޫނުގެ ދަށުން އެކްސްޕްލޮއިޓޭޝަން އާ ގުޅޭ މި ދައުވާތައް އުފުލި ފުރަތަމަ ފަހަރެވެ.
އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އަލަށް އެކުލަވާލި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާ ގުޅޭ ޤާނޫނުގެ ދަށުން މި ދައުވާ ކުރެވިފައިވަނީ އެފަދަ ޤާނޫނު ތަކުގެ މަޤްސަދު އޭގެ އެންމެ ފުރިހަމަ ގޮތުގައި ޙާސިލުކޮށް، އަދުލު އިންސާފު ޤާއިމު ކުރުމަށް ކަމަށެވެ.
މި ޤާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވި ޤާނޫނެކެވެ. މި ޤާނޫނުގެ ދަށުން އެކްސްޕްލޮއިޓޭޝަންގެ ދައުވާ ފުރަތަމަ ފަހަރަށް އުފުލުމާއެކު، އެކަމުގެ ހިތްހަމަޖެހުން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މަޖިލިސް މެމްބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރު ޖީހާން މަޙުމޫދުވެސް ވަނީ ފާޅު ކުރައްވާފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޖީހާން ވިދާޅުވީ، ކުޑަކުދިންގެ އިތުބާރު ހިފޭ މަޤާމުތަކުގައި ތިބޭ މީހުން އެކުދިންގެ ނާޖާއިޒު މަންފާ ނެގުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އޭރު ޤާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރެއްވިއިރު ޖިނާއީ ކުށުގެ ވެއްޓަށް ކުޑަކުދިން ގްރޫމް ކުރުން ފަދަ ކަންކަންވެސް ވަކި ކުށެއްގެ ގޮތުގައި ނެތްކަމުގެ ކަންބޮޑުވުން ފާހަގަވި ކަމަށެވެ.
މި ޤާނޫނަށް އަމަލު ކުރަން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު ކަން ފާހަގަ ކުރައްވައި ޖީހާން ވިދާޅުވީ، ޤާނޫނުގެ ބޭނުން ކުރަމުންދާ މަންޒަރު މިހާ އަވަހަށް ފެންނަމުން ދިއުމުން، ދެކަމެއް ފާހަގަވެގެންދާ ކަމަށެވެ. އެއީ ޤާނޫނުގައި މި ކުށް ބަޔާން ކުރުމުގެ މުހިއްމުކަމާއި، ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދޭ ސަމާލުކަން ކަމަށެވެ.
އަޅުގަނޑަށް ދޭހަވަނީ ދެކަމެއް، އެއީ ކިހާ މުހިއްމު ކަމެއްކަން އެކްސްޕްލޮއިޓޭޝަން މާއްދާ ހިމެނުން، ދެވަނަ ކަމަކަށް އެއަށް ޕްރޮސެކިއުޓަރުން، ޚާއްސަކޮށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގައި ވީހާވެސް ހަރުކަށި ފިޔަވަޅު އަޅަމުންދާކަން އެ ފެންނަނީ އެކަމަށް މަޖިލީހުން ފާސްކުރި ޤާނޫނު ބޭނުން ކުރަމުންދާތަން އެ ފެންނަނީހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު
އަނބިމީހާއަށް ރުޤްޔާކުރުމުގެ ނަމުގައި އަނިޔާކުރި މި މައްސަލައިގައި ހިމެނޭ ފިރިމީހާގެ މައްޗަށް 5 ދައުވާއެއް އުފުލާފައިވާއިރު، ރުޤްޔާކުރި މީހާގެ މައްޗަށް ވަނީ ހަތް ދައުވާއެއް އުފުލާފައެވެ. އެގޮތުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނުނުގެ ދަށުން މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާ މެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯޓު ނުކުރުމުގެ ކުށުގެ ދައުވާ ފިރިމީހާގެ މައްޗަށް ވަނީ އުފުލާފައެވެ.
އޭގެ އިތުރުން، މި މައްސަލައިގައި ރުޤްޔާ ކުރި މީހާގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. އަދި މި ދެމީހުންވެސް މިވަގުތު ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.