އެމެރިކާގެ ތާރީހުގައި އެންމެ ގިނަ މީހުން މެރިކަމުގެ ރެކޯޑް އޮންނަ ސަމުއެލް ލިޓިލް ޖަލު ބަންދުގައި ހުއްޓާ މަރުވެއްޖެއެވެ.
އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން ބުނެފައިވަނީ މި މީހާއަކީ އެމެރިކާގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދެއްގެ މީހުން މެރި މީހާގެ ރެކޯޑް އޮންނަ މީހާ ކަމަށެވެ. އޭނާ ވަނީ 93 މީހަކު މެރިކަމަށް އެއްބަސްވެފައެވެ. ސަމުއެލް މަރުވެފައިވަނީ ކެލިފޯނިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް ބުދަ ދުވަހުގެ ވަގުތެއްގައި ކަމަށް އެ ސްޓޭޓްގެ ކަރެކްޝަން ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ. މަރުވި އިރު އޭނާގެ އުމުރަކީ 80 އަހަރެވެ.
1980 ވަނަ އަހަރު ލޮސް އެންޖަލެސް ކައުންޓީގައި 3 އަންހެނެއް މަރާލި މައްސަލައިގައި ކުށް ސާބިތުވެ އޭނާ ދިޔައީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. މި މަރުތަކާއި ގުޅިގެން ކުރި ތަހުގީގުގައި އެ ސަރަހައްދުން ފެނުނު ސާމްޕަލްތަކުގެ ޑީއެންއޭއާއި ސަމުއެއްލްގެ ޑީއެންއޭއާއި އެފަހަރު ދިމާވިއެވެ.
2014 ވަނަ އަހަރު ލޮސްއެންޖެލަސް ކައުންޓީގެ ފަނޑިޔާރުންގެ ޕެނަލުން ނިންމާފައިވަނީ އޭނާ ކުރި ކުށަކީ ފަސްޓް ޑިގްރީގެ ކުށެއް ކަމަށެވެ. އަދި އެގެ 2 މަސް ދުވަސް ފަހުން އޭނާ ޖަލު ހުކުން ފެށުނެވެ.
އޭގެ ފަހުން އިތުރު މީހުންތަކެއް މެރިކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން ވަނީ ބުނެފައެވެ. އަދި 93 މީހުން މަރާލާފައިވާ ކަމަށާއި، އެއީ 1970 ވަނަ އަހަރާއި 2005 ވަނަ އަހަރާއި ދެމެދުކަމަށް ކެލެފޯނިއާގެ ޖަލު އޮފިސަރަކަށް އޭނާ ކިޔައިދީފައިވާ ކަމަށް އެފްބީއައިން ބުނެއެވެ.
އަދި އޭގެ ފަހުން އެފްބީއައި އިން އެކަމުގެ ތަހުގީގު ފަށާ އޭނާ އިއުތިރާފްވި 93 މަރުގެ ތެރެއިން 50 މަރު ދެނެގަނެވިފައިވާ ކަމަށެވެ. އަދި ބައެއް މަރުގެ ނިންމުން ނުނިމި ހުރިކަމަށް އެފްބިއައިން ވަނީ ބުނެފައެވެ.
ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވަނީ އޭނާ ގިނައިން އަމާޒުކޮށްފައިވަނީ އެކަނިތިބެ ކަޅު ނަސްލުގެ އަންހެނުންނަށް ކަމަށާއި، އެމީހުންގެ ތެރެއިން ގިނަ އަންހެނުންނަކީ ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ކަމަށެވެ. އަދި އެމީހުން މަރުގެ މައްސަލަ އެއިރު ނިންމާފައިވަނީ އޯވަރޑޯޒް ވެގެންނާއި އެކްސިޑެންޓުގެ ސަބަބުން ކަމަށް ނިންމާފައެވެ. އަދި މީގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑު މިހާތަނަށް އައި އިރުވެސް ނުފެންނަ ކަމަށް ބުނެފައިވެއެވެ.