އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު ރޫޓް ފިހާރައިގެ ފަރާތުން ބޭންކް އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިޔަނަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަށް ޕްރޮސެކިއުޓަރ ޖެނެރަލް ދައުވާ އުފުލައިފިއެވެ.
ބުދަ ދުވަހު ޕީޖީ އޮފީހުން ބުނީ، ޖަމާއަތް ހަދައިގެން ފައިސާ ގެންދިޔަ ފަރާތްތަކަށް ބިރުދެއްކުމަށްފަހު އެ ފައިސާތައް އަޅާފައިހުރި ފޮށިގަނޑު ފޭރެން އުޅުނު މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ. އެއީ ލ. ގަން، ތުނޑި، ކީމިޔާގެ، ޢަބްދުﷲ ރާޝިދާއި، ގއ. ވިލިނގިލި، ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރާއި، ކ. މާލެ، ދަފްތަރު ނަންބަރު ރސ 3678، ޙުސައިން ޢަބްދުލް މަޖީދާއި، ކ. މާލެ، ވ. ޕިންކްވިލާ، އަޙްމަދު އަމީރުގެ އިތުރުން، ރ. ރަސްމާދޫ، އޯކިޑްމާގެ، މުޙައްމަދު ޢަޒްމީނުގެ މައްޗަށް ކަމަށެވެ.
އޭގެ ތެރެއިން އަޒްމީން ފިޔަވައި ދެން ތިބި މީހުންގެ މައްޗަށް އުފުލާފައިވަނީ ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 213 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ފޭރުމުގެ ކުށުގެ ދައުވާއެވެ. އަދި މުޙައްމަދު ޢަޒްމީނުގެ މައްޗަށް ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 213 ވަނަ މާއްދާގެ (ހ) އާއި، 30 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، 30 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ރޫޓް ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާ ކަރުދާސް ބޮޑު ފޮށިގަނޑަކަށް އަޅައިގެން އައި ވޭން، ބޭންކް އޮފް ސިލޯން ކުރިމައްޗަށް މަޑުކުރުމާއެކު، ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ވަނީ އެ ފައިސާ ފޮށިގަނޑު ފޭރެން މަސައްކަތްކޮށްފައެވެ.
ނަމަވެސް އެ މީހުންނަށް އެކަން ކާމިޔާބުނުވީ، ބޭންކް އޮފް ސިލޯނުގެ ސެކިއުރިޓީ ބަލަހައްޓާ، އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޑެޓް (އޭއެސްއޭޕީ) ގެ ސެކިއުރިޓީ ގާޑް ބޭންކުން ނުކުމެ، އެ ފައިސާ ފޮށިގަނޑު އެ މީހުންގެ އަތުން އަތުލައިގަތުމުގެ ސަބަބުންނެވެ.