ކ. މާލެ
|
29 ޑިސެންބަރ 2020 | އަންގާރަ 15:36
ފުލުހުން ހިންގި އޮޕަރޭޝަންގައި އަތުލައިގެން މަސްތުވަތަކެތި
ފުލުހުން ހިންގި އޮޕަރޭޝަންގައި އަތުލައިގެން މަސްތުވަތަކެތި
ޕޮލިސް
މަސްތުވާތަކެތީގެ އޮޕަރޭޝަން
ތިން ރަށެއްގައި ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި
އޮޕަރޭޝަންތައް ހިންގާފައިވަނީ ލ.ގަމާއި، ޅ.ހިންވަރުގެ އިތުރުން ކ.ކާށިދޫގައި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާ އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ލ.ގަމާއި، ޅ.ހިންވަރުގެ އިތުރުން ކ.ކާށިދޫގައެވެ. އެގޮތުން، ކ.ކާށިދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކާށިދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި މާލެއިން އެރަށަށް އައި ބޯޓެއް ބަލައިފާސްކޮށްފައިވާއިރު އެބޯޓު ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. މި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައިނުވެއެވެ.

މީގެއިތުރުން ޑިސެމްބަރު 28 ވަނަ ދުވަހު ކާށިދޫގައި އޮޕަރޭޝަނެއް ހިންގާފައިވާއިރު، މި އޮޕަރޭޝަނުގައި ވަނީ 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. މާލެއިން ކާށިދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވެއެވެ.

ލ.ގަމުގައި ހިންގި އޮޕަރޭޝަނަކީ ލ.ގަމުން އެ އަތޮޅު މާބައިދޫއަށް މީހަކު ޑިންގީއެއްގައި މަސްތުވާތަކެތި ބަލައި އަންނަ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާ ގަމުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 33 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ގަން، ތުނޑީ ބަނދަރުން ހުއްޓުވައި، ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

ހިންވަރުން މަސްތުވާތަކެއްޗާއެކު 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އެމީހާ ހައްޔަރުކޮށްފައިވަނީ ޑިސެމްބަރު 28 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔަ ފުލުހުންނަށް އެމީހާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވަން މަސައްކަތްކުރުމުން އެރަށު ފަޅުގައި އޮތް ލޯންޗަކަށް އަރައި އަތުގައި އޮތް އެއްޗެއް އެއްލާލި މަންޒަރު ފުލުހުންނަށް ފެނުމާ ގުޅިގެންނެވެ. އަދި އެމިހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހާޒިރުގައި އެއްލާލި އެތި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 22 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް