ފުލުހުން ހިންގި ބޮދު އޮޕަރޭޝަންގައި ހިމެނޭ 200 ކިލޯއަށްވުރެ ގިނަ މަސްތުވަތަކެތި ނައްތާލައިފިއެވެ.
ފުލުހުން ބުނީ އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ސެޕްޓެމްބަރާއި އޮކްޓޫބަރު މަހު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 203 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލާފައިވާ ކަމަށެވެ.
މިތަކެތި ނައްތާލާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު ދޫނިދޫގައެވެ. މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު މީޑިޔާތަކަށާއި އޮބްޒާވަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ދީފައިވެއެވެ. އެގޮތުން އޮބްޒަރވަރުންގެ ގޮތުގައި ހަތަރު ފަރާތަކުން ބައިވެރިވެފައިވެއެވެ. އަދި މި ހަރަކާތުގެ ތެރެއިން ވަނީ އޮބްޒާވަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި އޮބްޒާވަރުން ދައްކާ މަސްތުވާތަކެތިން ސާމްޕަލް ނަގައި ޓެސްޓް ކުރުމަށްފަހު އެތަކެތީގެ ބާވަތް ބުނެދީފައެވެ.
އަންގާރަ ދުވަހު ނައްތާލާފައިވަނީ ސެޕްޓެމްބަރު 8 ވަނަ ދުވަހު ޑާކާ މަގުން ރާއްޖެއައި ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ފެނިފައިވާ 3 ކިލޯ 800 ގްރާމް މަސްތުވާތަކެއްޗާއި އޮކްޓޯބަރު 1 ވަނަ ދުވަހު ސ.ހިތަދޫ ފިނިފަރު އަބްދުﷲ އިބްރާޙީމް އާއި އިތުރުބަޔަކު ބައިވެރިގެން ދިވެހިރާއްޖެ އެތެރެކުރި 79 ކިލޯގެ މަސްތުވަތަކެއްޗާއި އޮކްޓޯބަރ 12 ވަނަ ދުވަހު ގއ.ވިލިނގިލީ ލައިޓްހައުސް ޝަހީބް އިބްރާޙީމް އިތުރުބަޔާކައި ބައިވެރިވެގެން ރާއްޖެ އެތެރެކޮށްފައިވާ 120 ކިލޯގެ މަސްތުވާތަކެއްޗެެވެ.
މިތަކެތީގެ ތެރޭގައި ހިމެނެނީ 65 އެވިޑެންސްގައި ހިމެނޭ 224 ރަބަރު ޕެކެޓާއި 15،8188.7000 ގްރާމްގެ ހެރޮއިންނާއި 3788.4000 ގްރާމްގެ ކެނަބިހާއި 41090.6000 ގްރާމްގެ މެޓަމްޕެޓަމިން ރެސިމޭޓްގެ އިތުރުން އެހެނިހެން 41 އައިޓެމެވެ. މިއަދު ނައްތާލި މަސްތުވާތަކެތީގެ ބަރުދަނަކީ 203.07 ކިލޯގްރާމެވެ. މިތަކެތީގެ މަގުމަތީގެ އަގު 203،123،830.00 ރުފިޔާއަށް އަރައެވެ.
މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.