ކ. މާލެ
|
29 ޑިސެންބަރ 2020 | އަންގާރަ 08:14
ކޮވިޑް-19 އާއި ގުޅިގެން އެންއީއޯސީއިން ކުރަމުން ދިޔަ ކަންތައްތައް ބައްލަވާލައްވަން ރައީސް ސޯލިހް އެންއީއޯސީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ކޮވިޑް-19 އާއި ގުޅިގެން އެންއީއޯސީއިން ކުރަމުން ދިޔަ ކަންތައްތައް ބައްލަވާލައްވަން ރައީސް ސޯލިހް އެންއީއޯސީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ރައީސް އޮފީސް
ރަށްރަށުގެ ސިއްހީ ނިޒާމު ތަރައްގީކުރުން
ލާމަރުކަޒީ ސިޔާސަތުގެ ދަށުން މިވަގުތު އެންމެ އިސްކަމެއް ދެނީ ސިއްހީ ދާއިރާއަށް - ރައީސް ސޯލިހް
ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ބޭނުން ރައްޔިތުން ހިފަމުން އަންނަތަން މިހާރު ފެނޭ
ރާއްޖެ ތަރައްގީވެގެން ދާނީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން
ރަށްރަށަށް ބާރުތައް ދޫކޮށްލަން ޖެހޭ

ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ލާމަރުކަޒުކުރުން ކަމަށާއި މި ސިޔާސަތުގެ ދަށުން މިވަގުތު އިސްކަމެއްދެއްވަނީ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އަޑަށް 58 އަހަރު ފުރުމުގެ މުނާސަބަތުގައި "ބާއްޖަވެރި ހެނދުނު" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ ސިއްހީ ނިޒާމު ލާމަރުކަޒުކުރުން ކަމަށާއި އެ ބަދަލުތައް މިހާރުވެސް ފެންނަމުން ދާކަމަށެވެ.

އެގޮތުން ކޮވިޑް-19 ގެ ސަބަބުން އެޅި ފިޔަވަޅުތަކާއި އެކު ސިއްހީ ފަރުވާހޯދުމަށް މާލެއަށް އަންނަން މިހާރު ވަރަށް ދަތިކަމަށާއި މިދަނޑިވަޅުގައި އަތޮޅުތަކުގެ ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ބޭނުން ރައްޔިތުން ހިފަމުން އަންނަތަން ފެނިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެހިދުމަތްތައް ތަރައްގީކުރުމަކީ މިވަގުތު އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވަނީ ރާއްޖެ ތަރައްގީވެގެން ދާނީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކަމަށާއި ރަށްރަށަށް ބާރުތައް ދޫކޮށްލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ވިޔަފާރި ކުރުމުގެ ފުރުސަތުތައް ލިބެން ޖެހޭނެ ކަމަށާއި ސިއްހީ އަދި ތައުލީމީ ނިޒާމު ހަރުދަނާކޮށް ލާމަރުކަޒުކުރަންޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މިގޮތަށް ކަންތައް ކުރެވިއްޖެ ނަމަ އެބަދަލު ފެނިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީހުގެ 1960 ގެ ކުރިއަށް ޖެހިލައި ބަލައިލައިފި ނަމަ ބައެއް ރަށްތައް އަމިއްލަ އަށް ތަރައްގީވެ ވިޔަފާރީގައި ކުރިއަރައިދިޔަތަން ފެންނާނެކަމަށާއި އެހެން ނަމަވެސް ސިޔާސަތުތަކަށް އައި ބަދަލުތަކަކާއި އެކު ހުރިހާކަމެއް މަރުކަޒު ކުރުވުމުގެ ސަބަބުން ރަށްތަކަށް ލިބެންޖެހޭ ތަރައްގީނުލިބި ދިޔަކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ މާލެއަށް ތޮއްޖެހިފައި އޮތް ބާރުތައް ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރަށްރަށަށް ދޫކުރުން ކަމަށެވެ. ދާދިފަހުން ފާސްކުރެވިގެން ދިޔަ އައު ލާމަރުކަޒީ ގާނޫނުގައިވެސް ރަށްރަށަށް ވަރަށް ގިނަ ބާރުތައް ދޫކޮށްލެވިފައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.

- ކޮމެންޓް