ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 17:49
އެމްޑީޕީގެ ވަފުދަށް ނައިވާދޫން ހޫނު މަރުޙަބާއެއް ކިޔާއިފި
އެމްޑީޕީގެ ވަފުދަށް ނައިވާދޫން ހޫނު މަރުޙަބާއެއް ކިޔާއިފި
ރާއްޖެއެމްވީ
އެމްޑީޕީ
އެމްޑީޕީގެ ވަފުދަށް ނައިވާދޫން ހޫނު މަރުޙަބާއެއް
ޓީމްގައި އިސްކޮށް ހުންނެވީ އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް
ދޮރުން ދޮރަށް ހިނގުމަށް ވަނީ ހަމަޖެހިފައި
 މިރޭ ނެއްލައިދޫގައި އެމްޑީޕީގެ ޖަގަހަ ހުޅުވުމަށް ވަނީ ހަމަޖެހިފައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ހަރަކާތްތައް ވަރުގަދަ ކުރުމަށް އެމްޑީޕީން ހދ. ނައިވާދޫ އަށް ވަޑައިގެންނެވި ވަފުދަށް ހޫނު މަރުޙަބާއެއް ކިޔާފިއެވެ.

 

މި ދަތުރުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ މުލަކު މެމްބަރު އިބްރާހިމް ނަސީރުގެ އިތުރުން އެޕާޓީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވަޑައިގަންނަވެއެވެ. އެމްޑީޕީގެ ވަފުދު ނައިވާދޫ އަށް ވަޑައިގެންނެވީ ބުރާސްފަތި ދުވަހު މެންދުރު 12:45 ކަންހާއިރުގައެވެ.

 

އެމްޑީޕީގެ ވަފުދު ނައިވާދޫ އަށް ވަޑައިގަތުމުން އެރަށު އެމްޑީޕީއަށް ސަޕޯޓް ކުރާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަރުޙަބާ ކިޔާފައެވެ. އެމްޑީޕީގެ ވަފުދު ވަނީ ނައިވާދޫގެ ކައުންސިލް ގޮނޑިތަކަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާއި ކެމްޕޭން ޓީމްތަކާއި ބައްދަލުކޮށްފައެވެ.

 

ނައިވާދޫ އެމްޑީޕީ ހަރުގޭގައި ކެނޑީޑޭޓުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނައިބް ރައީސް މުހައްމަދު ޝީފާޒް ވިދާޅުވީ މެއި މަހުގެ 6 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިކުރުމަށް ކެމްޕޭން ޓީމްތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

 

މި ދަތުރުގައި އެމްޑީޕީގެ ވަފުދު މިއަދު ހަވީރު ދިއުމަށް ހަމަޖެހިފައި ވަނީ ނެއްލާދޫ އަށެވެ.  މި ރޭ ނެއްލައިދޫގައި އެމްޑީޕީގެ ޖަގަހަ ހުޅުވުމަށް ފަހު ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށީގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހޮނިހިރު ދުވަހުގެ ރޭ ބާރަށުގައި ވެސް ވަނީ ކެމްޕޭން ޖަލްސާއެއް އޮންނާނެ އެވެ. 

 

މެއި މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމަށް އެމްޑީޕީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުނެވެ. މި ދަތުރުތަކުގައި ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަން ތާއިދު ހޯދުމަށް ދޮރުން ދޮރަން ކެމްޕޭނު ވެސް ކުރެ އެވެ. 

- ކޮމެންޓް