އިބްތިޙާލުގެ މަރުގެ މައްސަލައިގައި އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އޭނާގެ މަންމަ އާފިޔާ މުޙައްމަދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
އިބްތިހާލުގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވާއިރު، ޤަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ އާފިޔާ ދިން އަނިޔާތަކާ ގުޅިގެން އިބްތިޙާލުގެ ފުރާނަ ގޮސްފައިވާތީއެވެ. އެގޮތުން ހޯމަ ދުވަހުގެ އަޑުއެހުމުގައި ވަނީ އެ ދައުވާ ސާބިތުވެ، އާފިޔާ 20 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފައެވެ.
މި މައްސަލައިގައި ހުށައެޅިފައިވާ ހެކިތަކާ ޙަވާލާދީ ގާޒީ ވިދާޅުވީ، އިބްތިޙާލު މަރުވީ އާފިޔާ ދިން އަނިޔާތަކުގެ ސަބަބުންކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި އާފިޔާ އެކަން ކުރީ މަރާލުމުގެ ނިޔަތް އޮވެގެންކަން ސާބިތުވާކަންވެސް ތަފްސީލުތައް ހިއްސާ ކުރައްވަމުން ގާޒީ ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން، އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ އެކި ފަހަރުމަތިން އިބްތިޙާލަށް އަނިޔާކޮށް، އިހުމާލުވެ އޭނާގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އާފިޔާ ޢަމަލު ކޮށްފައިވާތީއެވެ. މި ދައުވާގެ ޙުކުމް ކުރައްވަމުން ގާޒީ ވަނީ ހެކިވެރިންގެ ހެކިބަހުންނާއި، ޝަރީއަތަށް ހުށައެޅިފައިވާ ހެކިތަކަށް ބަލައި، އާފިޔާގެ މައްޗަށް މި ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައެވެ.
އެއާއެކު، ޤާނޫނުލް އުޤޫބާތުގެ ދަށުން މި ކުށުގެ އަދަބެއްގެ ގޮތުން އާފިޔާއަށް 1 މަހާއި 6 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ދައުލަތުން ވަނީ އެދިފައެވެ.
މި މައްސަލައިގައި ފާހަގަވާން ހުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ މުޙައްމަދު ސަމީރު ވަނީ އަފިޔާ 1 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ.