"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްޞަ ކެޓަގަރީ އިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު އިއުލާންކޮށްފިއެވެ.
އެގޮތުން ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު، ދިވެހިސަރުކާރުގެ ގެޒެޓުގައިމިހާރު ވަނީ ޝާއިއުކޮށްފައެވެ.
މި ލިސްޓު އެކުލަވާލެވިފައިވަނީ، މި ކެޓަގަރީއަށް ފޯމު ހުށަހެޅިއިރު ހުރި މިނިސްޓްރީތައް ވަކިވަކިން އެނގޭނެގޮތަށް ކަމަށާއި މިހާރު އައު މިނިސްޓްރީތައް އުފެދި، މި ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އެކި އިދާރާތަކަށް ބަދަލުވެފައިވީނަމަވެސް، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން އެކުލަވާލާފައިވާ މި ލިސްޓުގައި، ކޮންމެ ފަރާތެއްވެސް ހިމެނިފައިވާނީ އެ ފަރާތެއް ފޯމު ހުށަހެޅި މިނިސްޓްރީއެއްގެ ދަށުންކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތުން މި ލިސްޓުގައި ބޭނުންކޮށްފައިވާނީވެސް އޭރު މިނިސްޓްރީތަކަށް ކިޔަމުންދިޔަ ނަންތައް ކަމަށް ބުނެއެވެ.
ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްޞަ ކެޓަގަރީގެ ޝަރުތުތަކާއި ޕޮއިންޓް ދިނުމަށް އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލާފައިވާ މިންގަނޑު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައި ވާއިރު، މި ކެޓަގަރީއަށް ޕޮއިންޓް ދިނުމުގައި ބަލާފައިވާނީ މި ޝަރުތުކާއި މިންގަނޑުތަކަށެވެ. އަދި ޕޮއިންޓް ދެވިފައިވާނީ 15 ޖަނަވަރީ 2018 ގެ ނިޔަލަށް ޚިދުމަތް ކޮށްފައިވާ މުއްދަތާއި، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަށްކަމުގައި ގެޒެޓްކުރެވުނު ލިޔުމުގައި ވެއެވެ.
މި ކެޓަގަރީއަށް ފޯމު ހުށަހެޅުމަށްފަހު ފޯމު ހުށަހެޅި ފަރާތް، ފްލެޓްގެ ތަޅުދަނޑި ލިބުމުގެ ކުރިން، ވަޒީފާއިން ވަކިވެފައިވާނަމަ އެ ފަރާތެއްގެ ފޯމު ބާޠިލްވާނެކަމަށާއި، ފްލެޓް ލިބުމަށް ދެމަފިރިން ހޮވިއްޖެނަމަ، ހަވާލުކުރެވޭނީ 1 ފްލެޓް ކަމުގައި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ ކަނޑައަޅާފައެވެ.
"ހިޔާ" މަޝްރޫޢުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، 28 ޑިސެންބަރު 2020 އިން ފެށިގެން 3 ޖަނަވަރީ 2021 ގެ 15:00 ނިޔަލަށް ވަނީ ހުޅުވައިލާފައެވެ.
ޝަކުވާ ހުށަހެޅުމަށް ހުޅުވައިލާފައި ވަނީhttps://hcp.presidency.gov.mvލިންކު މެދުވެރިކޮށެވެ. "ހިޔާ މަޝްރޫޢު" ގެ ދާއިމީ ލިސްޓް އެކުލަވައިލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެކަމަށާއި އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ބޭނުންވެލައްވާ ނަމަ 3010718 އަށް ގުޅުއްވުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީން ވަނީ އެދިފައެވެ.