އިނގިރޭސިވިލާތުން ރާއްޖެ އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭނަގެ ގައިން ފެނިފައި ވަނީ އިނގިރޭސިވިލާތުގައި މިހާރު ފެތުރެމުންދާ ކޮވިޑްގެ އައު ވޭރިއަންޓްކަމެއް ނުވަތަ ނޫންކަމެއް ނޭނގެކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީން ވަނީ ކައިވެނި ޕާޓީއަށް ދިޔަ މީހުންގެ ތެރޭގައި ބަލި ފެތުރިފައި ވަނީ އިނގިރޭސިވިލާތުން އައި މީހާގެ ސަބަބުން ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. އެގޮތުން މި މީހާއަކީ މިމަހުގެ 20 ވަނަ ދުވަހު މާފަންނު ޝީ ބިލްޑިންގުގައި ބޭއްވި ކައިވެނި ހަފްލާގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ އާއިލާއަކަށް ނިސްބަތްވާ މީހެއް ނަމަވެސް މި މީހާ ރާއްޖެ އައިސްފައިވަނީ ޕާޓީގެ ފަހުން ކަމަށް އެޗްއީއޯސީއިން ބުނެއެވެ.
އެޗްއީއޯސީން ބުނީ މިމީހާ ރާއްޖެ އައިސްފައިވަނީ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިހުރި ބައެއް ފިޔަވަޅުތަކަށް ލުއިދީފައި ވަނިކޮށް ކަމުން އޭނާ ކަރަންޓީން ވެފައިނުވާކަމަށެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ބަލީގެ އަލާމަތްތައް ފެނިގެން ޓެސްޓު ކުރުމުން ކަމަށް އެޗްއީއޯސީން ބުނެއެވެ.
މި މަހުގެ 20 ވަނަ ދުވަހު ކައިވެނި ޕާޓީއަކަށްދިޔަ މީހުންގެ ތެރެއިން ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ބަޔަކާއެކު، ޖުމްލަ 41 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކް މީހުންވެސް ހިމެނެއެވެ. މި ހަފުލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވި ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
މިހާރުވެސް ޖެނޯޓައިޕިން އަށް ބޭރަށް ސާމްޕަލްތައް ފޮނުވަމުންދާ ކަމަށާއި ރާއްޖޭގައި ކޮވިޑްގެ އައު ވޭރިއަންޓް އުޅޭތޯ ދެނެގަތުމަށް ޓެސްޓުތައް ހަދަމުންދާ ކަމަށް އެޗްއީއޯސީން ބުނެއެވެ.