ސިޔާސީ ޕާޓީތަކަށް އެއްވެސް ބައްދަލުވުމެއް ބޭއްވުމުގެ ފުރުސަތު ނުލިބި 7 އަހަރު ވޭތުވެގެން ދިޔަ ނަމަވެސް، މިއަދު މަންޒަރު ބަދަލުވެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
"ވިސްނާ" ނަމުގައި އިދިކޮޅުން ކުރިއަށް ގެންދިޔަ ޖަލްސާއާ ގުޅޭ ގޮތުން ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކަށް އެއްވެސް ބައްދަލުވުމަކުން ޖާގަ ނުލިބި 7 އަހަރު ވޭތުވެގެން ދިޔަ ކަމަށެވެ. އެހެން ނަމަވެސް، މިއަދު އެޗްޕީއޭގެ ޤަވާއިދުތަކާ އެއްގޮތަށް ޖަލްސާގެ ކަންކަން ބެލެހެއްޓުމަށް އަންގައި، ޖަލްސާ ބޭއްވުމަށް ޖާގަވެސް ދޫކުރެވިފައިވާކަން ޝިފާ ފާހަގަ ކުރެއްވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އޭރުގެ އިދިކޮޅުގައި ތިބި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖަލްސާތަކާއި އެއްވުންތައް ބޭއްވުމަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. ރިޔާސީ އިންތިޚާބާ ދިމާކޮށް މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް އެދި އެތައް ތަނަކަށް އޭރު އިދިކޮޅުން އެދިފައިވާއިރު، ދަރުބާރުގެ ދީފައި ވަނީ ޖަލްސާ ބާއްވަން ތަން ދިނުމަށް އެދިފައިވާތާ އެތައް ދުވަހެއް ވެފައިވަނިކޮށް ޖަލްސާ ބާއްވަން ހަމަޖައްސާފައިފައިވާ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެފަހަރު ވަނީ ތައްޔާރުވުމަށް ލިބުނު ވަގުތުކޮޅު ކުޑަކަމުން ޖަލްސާ ކެންސަލް ކޮށްފައެވެ.
ހަމައެކަނި މާލޭގައި އެއްވެވޭ ސަރަހައްދެއްގެ ގޮތުގައި ކާނިވާ ސަރަހައްދު ކަނޑައަޅާފައިވާއިރު އިދިކޮޅު ޕާޓީތަކަށް ޖަލްސާ ބޭއްވުމަށް ހުއްދަ ދިނީ އެތައް ފަހަރަކު އެދިގެންނެވެ. ނަމަވެސް އޭރު ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން ދޭތެރެ ދޭތެރެއިން އެތަނުގައި ޖަލްސާތަކާއި ހަރަކާތްތައް ހިންގައެވެ.
އެއަށްފަހު އައު ސަރުކާރު އައީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު ކަށަވަރު ކޮށްދިނުމުގެ ވައުދާވެސް އެކުގައެވެ. އެއާއެކު، މިހާރުގެ އިދިކޮޅު ފަރާތްތަކަށްވެސް ހަމަހަމަކަމާއެކު އެއްވެ އުޅުމުގެ ފުރުސަތު ދަނީ ލިބެމުންނެވެ. އެގޮތުން އާދިއްތަ ދުވަހުގެރޭ ވެސް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ "ވިސްނާ" ނަމުގައި ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވާފައެވެ.
މަސްވެރިންނާއި، ދަނޑުވެރިންނާއި، ޓެކްސީ ޑްރައިވަރުން އަދި ޒުވާނުންނާއި ރިސޯޓު މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވި މި ޖަލްސާގައި ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ އިސްވެރިން ވަނީ ވާހަކަދައްކާފައެވެ.