މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) މެދުވެރިކޮށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މަސް އެކްސްޕޯޓްކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ ކެޕްޓަން އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.
އެމްއެސްއެސް މެދުވެރިކޮށް ރާއްޖެއަށް މުދާ ގެނައުމުގެ އިތުރުން މުދާ އެކްސްޕޯޓް ކުރެވޭނެ ކަމަށް ފާހަގަކުރައްވާ ރާއްޖެޓީވީގެ 'ފަލަސުރުހީ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޑީ ކެޕްޓަން ސައީދު ވިދާޅުވީ މަސް އެކްސްޕޯޓްކުރުމަށް މިފްކޯއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް މިފްކޯ އާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.
މަސް އެކްސްޕޯޓްކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ކޮންޓެއިނަރުތަކުގައި ކަން ފާހަގަކުރައްވައި އެމްޑީ ސައީދު ވިދާޅުވީ، މިއާއެކު މިފްކޯއިން ބޭނުންވާ އަދަދެއްގެ މަސް ފަސޭހަކަމާއެކު ބޭނުން ގަޑިއެއްގައި އެކްްސްޕޯޓްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.
އެގޮތުން މިފްކޯއިން މަސް އެކްސްޕޯޓްކުރަން ބޭނުންވުމުން ރެފްރިޖަރޭޓެޑް ކޮންޓެއިނަރުތައް ފެލިވަރު އަދި ކޫއްޑޫގައި ބަހައްޓާނެ ކަމަށާއި އެ ކޮންޓެއިނަރުތައް ފުރޭ ވަރަކުން އެކްސްޕޯޓް ކުރުމުގެ މަސައްކަތް އެމްއެސްއެސް އިން ކުރަމުން ގެންދާނެ ކަމަށް އެމްޑީ ސައީދު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން މިފްކޯގެ މަސް ހުއްޓުމެއް ނެތި އެކްސްޕޯޓްކުރެވިގެންދާނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.
މިފްކޯއިން މިހާރު ފިނިކުރި މަސް އެކްސްޕޯޓްކުރުމުގެ މަސައްކަތްކުރަނީ ބޯޓެއް ޗާޓަރ ކޮށްގެން ކަމުން އެބޯޓުގެ ޓާން އަރައުންޑް ޓައިމަށް މަޑުކުރަން ޖެހޭ ކަމަށާއި އެހެން ނަމަވެސް އެމްއެސްއެސް އާއި އެކު މަސް އެކްސްޕޯޓްކުރަން ފެށުމުން މިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އެމްޑީ ވިދާޅުވިއެވެ. އަދި މިފްކޯއިން ބޭނުންވާ އަދަދެއްގެ ކޮންޓެއިނަރުތައް ވަގުތުން ވަގުތަށް އެކްސްޕޯޓްކުރުމުގެ ފުރުސަތުލިބިގެން ދިއުމުން މިފްކޯގެ ހޯލްޑިން ކެޕޭސިޓީއަށް ލުއި ލިބިގެންދާނެ ކަމަށް އެމްޑީ ސައީދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެމްއެސްއެސް އިން ފިނި ކުރި މަހުގެ އިތުރުން އެހެނިހެން ބާވަތްތަކުގެ މަސް އެކްސްޕޯޓްކުރާނެ ކަމަށް އެމްޑީ ސައީދު ވަނީ ވިދާޅުވެފައެވެ.
މިހާރުގެ ސަރުކާރުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ހައްލު ނުވެ ހުރި މިފްކޯގެ ގިނަ މައްސަލަތަކެއް ހައްލު ކުރުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ އާއި ފްރީޒިން ކެޕޭސިޓީގެ އިތުރުން ކޭނިން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.