މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާއި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މަހުގެ 22 އަދި 23 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއް ބަލައި ފާސްކޮށް ބަނގުރާ ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި 13 ފުޅި އާއި 173 ބިޔަރު ދަޅު ހޯދާފައިވާ ކަމަށެވެ. އެކަމަކު އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުހުންގެ ދެވަނަ އޮޕަރޭޝަނުގައި ބުދަ ދުވަހުގެރޭ 9:00 ހާއިރު، މަގުމަތިން ދުއްވާފައި ދިޔަ ޓެކްސީއެއް ހުއްޓުވައި ބަލައިފާސްކުރިއިރު، އެ ޓެކްސީގެ ޑިކީގެ ތެރެއިން ބަނގުރާ ކަމަށް ޝައްކުކުރެވޭ ދިޔާއެއްޗެއް ހުރި 12 ފުޅި ފެނިފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން 27 އަހަރުގެ ބިދޭސީއެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގުކުރަމުންނެވެ.