ވ. ރަކީދޫ ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލި މައްސަލަައިގެ ތުހުމަތު ކުރެވޭ އޭނާގެ މަންމަ، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ހުކުމް ކުރަން މިމަހުގެ 28 ވާ ހޯމަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މި މައްސަލައިގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމަކީ ދައުވާލިބޭ އާފިޔާގެ ފަރާތުން ޚުލާސާ ބަޔާން ހުށައެޅުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން އާފިޔާގެ ފަރާތުން އޭނާގެ ވަކީލު ޚުލާސާ ބަޔާން އިއްވާފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ބޭއްވި އަޑު އެހުމުގައި ދައުލަތުންވެސް ވަނީ ޚުލާސާ ބަޔާން އިއްވާފައެވެ.
އެއާއެކު، މައްސަލަ ބައްލަވާ ގާޒީ ވަނީ އަންނަ ހޯމަ ދުވަހު މި މައްސަލައިގެ ޙުކުމް ކުރުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.
ދަޢުލަތުގެ ފަރާތުން އާފިޔާގެ މައްޗަށް ކުރަނީ ދެ ދައުވާ އެކެވެ. އެއީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެކެވެ. މި ދެ ދައުވާ އަށް އާފިޔާ އިއުތިރާފްވެ ކަން ހިނގި ގޮތް ޝަރީއަތުގެ މަޖިލިހުގައި ކިޔައި ދިން އިރު، ފަހުން ބޭއްވި ޝަރީއަތުގެ މަޖިލިހުގައި އޭނާ ވަނީ ކުށަށް އިންކާރުކޮށްފަ އެވެ.
ޙުކުމުގެ މަރުޙަލާއަށް ގޮސްފައިވާ މި މައްސަލައިގެ ހުލާސާ ބަޔާނުގައި ދައުލަތުން ވަނީ މި މައްސަލައިގައި ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ މިންވަރަށް ހެކި ހުރިކަމަށް ދައުލަތަށް ޤަބޫލު ކުރެވޭކަން ފާހަގަކޮށްފައެވެ. އަދި ޤާނޫނޫލް އުޤޫބާތުގެ 1205 ވަނަ މާއްދާގައި އިސްލާމީ ޝަރީޢަތުގައި ހައްދު ތަންފީޒު ކުރުމަށް ބަލާ މިންގަނޑުގައިވެސް ހެކި އެބަހުރި ކަމަށާއި، ވީމާ އާފިޔާއަށް އެ ޤާނޫނުތަކުގެ ދަށުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.
އިބްތިހާލުގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވާއިރު، ޤަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ އާފިޔާ ދިން އަނިޔާތަކާ ގުޅިގެން އިބްތިޙާލުގެ ފުރާނަ ގޮސްފައިވާތީ ކަމަށާއި، އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ އެކި ފަހަރުމަތިން އިބްތިޙާލަށް އަނިޔާކޮށް، އިހުމާލުވެ އޭނާގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އާފިޔާ ޢަމަލުކޮށްފައިވާތީ ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.