ކަނޑަށް ވެއްޓުނު ދިވެއްސަކަށް މިޔަރެއް ޙަމަލާ ދިނުމުގެ ސަބަބުން ލިބުނު އަނިޔާއަށް އަވަސް ފަރުވާ ދިނުމަށް ޅ ނައިިފަރަށް ގެންގޮސްފިއެވެ.
އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، އަނިޔާވެފައިވަނީ ޅ ފާއްދޫ ބޮއި ކައިރީގައި މަސްވެރިކަމުގައި އުޅުނު "ޒިކުރާ" ދޯނީގައި ހުރި 40 އަހަރުގެ ދިވެއްސަކަށް ކަމަށެވެ. އޭނާ ކަނޑަށް ވެއްޓުނު ވަގުތު މިޔަރެއް ހިފައި، ޒަޙަމްވެފައިވާކަން ފާހަގަކޮށް އެމްއެންޑީއެފުން ބުނީ، އޭނާގެ ފައިގެ މައި ނާރަށްވެސް ގެއްލުންވެފައިވާ ކަމަށް ރިޕޯޓް ލިބިފައިވާ ކަމަށެވެ.
އެމްއެންޑީއެފްގެ ނޮދަރން އޭރިއާ ކޯސްޓްގަރޑް އިން ވަނީ އޭނާ ސިއްޙީ އަވަސް ފަރުވާއަށް ޅ ނައިފަރަށް ގެންދިއުމަށް އެހީތެރިކަން ފޯރު ކޮށްދީފައެވެ.
މި ޙާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:36 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އަދި މިކަމުގެ އިތުރު ތަފްސީލު ލިބެމުންދާ ވަރަކަށް ހިއްސާ ކުރަމުން ގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ބުރާސްފަތި ދުވަހު ޖުމްލަ ގޮތެއްގައި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުންވެސް އެކަމަށް ސަމާލުވުމަށް އެދިފައެވެ.