ދަރި ލެއްވުމުގައި ޑީއެންއޭ ސީކުއެންސް ޤަރީނާއެއްގެ ގޮތުގައި ނުބެލެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.
ޒިނޭކޮށްގެން ލިބޭ ކުއްޖެއްގެ ޑީއެންއޭ މީހަކާއި ދިމާވި ނަމަވެސް, އިސްލާމީ ޝަރީއަތުގައި އެއީ އެމީހަކު ޒިނޭ ކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫންކަމަށް ދާދި ފަހުން ހައިކޯޓުން ކުރި ޙުކުމަކާ ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމާ ޝުއޫރު ފާޅު ކުރަމުންނެވެ.
އެކަމާ ގުޅޭގޮތުން ބުދަ ދުވަހު ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކަމެއް ދެނެގަނެވޭނެ ގޮތް ޝަރްޢުގައި އަންގަވާފައި އޮތުމަކީ އެނޫން ގޮތްގޮތުން އެކަން ދެނެގަތުން މަނާކުރާ ކަމެއް ނޫން ކަމަށެވެ. އެގޮތުން އިރު ހިނގާގޮތް ބަލައިގެން ނަމާދުގެ ވަގުތުތައް ދެނެގަންނާނެ ގޮތް ސުންނަތުން އެނގެން އޮތް ނަމަވެސް، މިހާރު ނަމާދު ވަގުތު ބަލަނީ ފަލަކީ ހިސާބުން ކަމަށް ވިދާޅުވެ ރައީސް މައުމޫނު ވަނީ މިސާލު ޖައްސަވާފައެވެ.
ރައީސް މައުމޫނު ވިދާޅުވީ، ދަރި ލެއްވުމުގައިވެސް ޑީއެންއޭ ސީކުއެންސް ޤަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއް ނެތް ކަމަށެވެ. އަދި ފިންގަރ ޕްރިންޓް ފަދަ ސައިންޓިފިކް ދަލީލުތައްވެސް ޤަރީނާގެ ގޮތުގައި ޝަރީޢަތުން ބަލައިގަންނަކަން ރައީސް މައުމޫނުގެ ޓްވީޓުގައި ފާހަގަ ކުރައްވާފައިވެއެވެ.
ހައިކޯޓުގައި އިސްތިއުނާފު ކުރިއަށްދިޔަ މި މައްސަަލައަކީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި ހިމެނޭ ފިރިހެންމީހާ ޒިނޭ ކުރިކަމަށް އިންކާރު ކުރި ނަމަވެސް އަންހެން މީހާ ވިހާފައިވާ ކުއްޖާގެ ޑީއެންއޭ އާއި ފިރިހެންމީހާގެ ޑީއެންއޭ ދިމާވެއެވެ. އެހެން ނަމަވެސް، އިސްލާމީ ޝަރީއަތުގައި ޑީއެންއޭއިން ޒިނޭގެ ކުށް ސާބިތު ނުވާނެ ކަމަށް ހައިކޯޓުން ނިންމި ނިންމުމާއެކު، މި މައުޟޫއާ ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ބަހުސް ކުރަމުންނެވެ.