ކ. މާލެ
|
23 ޑިސެންބަރ 2020 | ބުދަ 11:43
ޓެންޑަރ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު - ޒަރިޔަންދު ވަނީ މި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެދިވަޑައިގަންނަވާފައި
ޓެންޑަރ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު - ޒަރިޔަންދު ވަނީ މި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެދިވަޑައިގަންނަވާފައި
ގޫގުލް
އެމްއާރްއެމް ޑެޕިއުޓީ މިނިސްޓަރެއްގެ ކޮރަޕްޝަން
އެމްއާރްއެމްގެ ޑެޕިއުޓީ މިނިސްޓަރަކަށް ޒަރިޔަންދުގެ ބޮޑެތި ތުހުމަތުތަކެއް، ތަފްސީލު މައުމޫނާ ހިއްސާކުރަނީ
ދައުލަތުގެ ޤަވާއިދުތަކަށް ގޮންޖަހައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކުރާކަމުގެ ތުހުމަތު ކުރެވޭ
ޓްރާންސްޕޯޓް މިނިސްޓްރީގައި އެމްއާރްއެމްއަށް ނިސްބަތްވާ 2 ޑެޕިއުޓީ މިނިސްޓަރުން ތިބޭ
މައްސަލައިގެ ތަފުޞީލު އެމްއާރްއެމްގެ އޮފީހަށް ފޮނުއްވައި ދެއްވުމަށް ރައީސް މައުމޫނު އެދިވަޑައިގެންނެވި

އެމްއާރްއެމްއަށް ނިސްބަތްވާ ޑެޕިއުޓީ މިނިސްޓަރެއްގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ޓެންޑަރ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ކުރައްވައިފިއެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު ޓެގް ކުރައްވައި ބުދަ ދުވަހު ޒަރިޔަންދު ކުރެއްވި ޓްވީޓެއްގައި ވަނީ ޓްރާންސްޕޯޓު މިނިސްޓްރީގެ އެމްއާރްއެމްއަށް ނިސްބަތްވާ ފިރިހެން ޑެޕިއުޓީ މިނިސްޓަރެއްގެ ޢަމަލުތަކުން ދައުލަތުގެ ޤަވާއިދުތަކަށް ގޮންޖަހައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކުރާކަން ހާމަވުމުގެ މަރުޙަލާގައި ވާކަން ފާހަގަ ކުރައްވާފައެވެ. ނަމަވެސް އޭނާގެ ނަމެއް ޒަރިޔަންދު ހާމަ ކުރައްވާފައެއް ނުވެއެވެ.

ޒަރިޔަންދު ވަނީ އެފަރާތާއިމެދު ގޮތެއް ނިންމަވައި ދެއްވުމަށްވެސް އެދިވަޑައިގަންނަވާފައެވެ.

ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވެނީ މިނިސްޓްރީގެ ފިރިހެން ޑެޕިއުޓީ މިނިސްޓަރަކަށް ކަން ޒަރިޔަންދު ފާހަގަ ކުރައްވާފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީގައި އެމްއާރްއެމްއަށް ނިސްބަތްވާ 2 ޑެޕިއުޓީ މިނިސްޓަރުން ތިއްބަވައެވެ. އެއީ ހިދާޔާ ނަސީރުގެ އިތުރުން، ޝިމާޒް އަލީއެވެ.

އެމްއާރްއެމްގެ ޑެޕިއުޓީ މިނިސްޓަރަކަށް ތުހުމަތުތަކެއް ކުރައްވައި ޒަރިޔަންދު ކުރެއްވި ޓްވީޓަށް ޖަވާބު ދެއްވައި ރައީސް މައުމޫނުވެސް ޓްވީޓު ކުރައްވާފައިވެއެވެ. އެގޮތުން ރައީސް މައުމޫނު ވަނީ އެ މައްސަލައިގެ ތަފުޞީލު އެމްއާރްއެމްގެ އޮފީހަށް ފޮނުއްވައި ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

އޭގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ރައްޔިތުންނަށް ޚިދުމަތް ފޯރު ކޮށްދެއްވުމަށް އެތައް މަސައްކަތްޕުޅުތަކެއް ކުރައްވާކަން ފާހަގަ ކުރައްވައި ޒަރިޔަންދު އިތުރަށް ވިދާޅުވީ، ސިޔާސީ މަޤާމުތަކަށް އައްޔަނު ކުރައްވާފައިވާ ބައެއް ބޭފުޅުން ކޮރަޕްޝަންގެ އަމަލުތައް ހިންގާ ބައެއް ސިވިލް ސަރވިސް މުވައްޒަފުންނާ ގުޅިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ރައީސް ސޯލިޙުގެ ކެތްތެރިކަމުގެ ނާޖާއިޒު ފައިދާ ނަންގަވަމުން ގެންދަވާކަން ފާހަގަ ކުރައްވައި ޒަރިޔަންދު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، މިނިސްޓްރީ އޮފް ފިނޭންސުން އެފަދަ ފަރާތްތަކުގެ މައްސަލަތައް ބަލައި، ރަސްމީކޮށް ރައީސް އޮފީހަށް އެކަމުގެ ހެކިތައް ހުށައެޅުމަށް އެދިވަޑައިގަންނަވާފައެވެ.

އޭގެ އިތުރުން، މާޒީގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ބައެއް ފަރާތްތައްވެސް ކޯލިޝަނެއްގެ ނަމުގައި "ހުޅުވާލެވުނު މަގަކުން" އައިސް މިއަދު މަޤާމުތަކުގައި ތިއްބެވިކަން ފާހަގަ ކުރައްވައި ޒަރިޔަންދު ވިދާޅުވީ، އެފަދަ މީހުންގެ ސަބަބުން ތަހުޤީޤީ އިދާރާތަކަށްވެސް އޭގެ އަސަރު ކޮށްފައިވާ ކަމަށެވެ.

- ކޮމެންޓް