މި ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖެ އާއި ބޭރުދުނިޔެއާ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލައި، ރައްޔިތުންނަށް އެކަމުގެ ލުއިފަސޭހަ ހޯދައިދިނުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ޓުޓިކޮރިންނާއި އައްޑޫ އަދި ހުވަދުއަތޮޅާ ދެމެދު ކަނޑުމަގުން މުދާ ގެންނަ ފުރަތަމަ ބޯޓު "އެމްވީ ބޮންތި 2″ ތިނަދުއަށް ބަނދަރުކުރި ހަފުލާފައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ގައުމެއް ގައުމެއްގެ ގޮތުގައި ތަރައްގީވެގެންދާ މައިގަނޑު އެއް އަސާސަކީ ދެމެހެއްޓެނެވި ގޮތެއްގައި އެ ގައުމެއްގެ އިގްތިސޯދު ކޮޅަށްޖެހި، އެ އިގްތިސޯދު ފުދުންތެރި ގައުމަކަށް ވެގެންދިއުން ކަމަށެވެ. އަދި ފުދުންތެރި ގައުމެއްގެ ގޮތުގައި ދެމިއޮތުމާއެކު އިގުތިސާދީ ހަރަކާތްތައް ފުޅާކޮށް އިތުރު ކުރެވޭނީ އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށް، އަވަސް ޚިދުމަތްތަކެއް ދެވިގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށްމ މި ނިޒާމް ކައިރި ގައުމުތަކާ ގުޅާލެވި، އެކަށީގެންވާ އަވަސް ޚިދުމަތްތަކެއް އެކަށީގެންވާ އަގެއްގައި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.
ދަތުރުފަތުރުގެ ދުވެލި އަވަސްވެ ކަނެކްޓިވިޓީ އިތުރުވެގެން ދިއުމުން ތަކެތީގެ އަގުހޮޔެވެގެންދާނެ. ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމުގެ ގޮތުން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުން 26 ސެޕްޓެމްބަރު 2020 ގައި ހދ. ކުޅުދުއްފުށީ ސަރަހައްދަށް އިންޑިއާ ކޮޗިން ކާގޯ ފެރީގެ ޚިދުމަތް ފަށާ ރާއްޖޭގެ އުތުރުގެ އަތޮޅުތަކާ ވަނީ ގުޅާލެވިފައި. އަދި އޭގެ ދެ މަސް ފަހުން އައްޑުއަށް އެ ޚިދުމަތް ފެށި، މިއަދު ތިނަދޫ ސަރަހައްދީ ބަނދަރަށް އިންޑިއާގެ ޓުޓިކޮރިންނުން ޝިޕިންގެ ޚިދުމަތް ފެށުން މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ދެކުނުގެ އަތޮޅުތަކަށް ގުޅާލެވި އަތޮޅުތަކުގެ އިގުތިސާދީ ތަރައްގީއަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް.ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްގީވެފައިވާ ވިޔަފާރި ބަނދަރުތަކަށް އިންޑިއާއިން ޝިޕިންގެ ޚިދުމަތް ފެށިގެން ދިއުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވައިދުފުޅެއް ކަމަށާއި، މި ވައުދު ފުދިގެން ހިނގައްޖެ ކަމަށެވެ.
އަދި މ ޚިދުމަތަކީ އެ އަތޮޅުތަކުގެ ވިޔަފާރިވެރިންނަށް އަތްފޯރާ ފަށެއްގައި މުދަލާއި ކާބޯތަކެތި އެތެރެކުރުމަށް ދެކުނާއި އުތުރުގައި ހުޅުވުނު މައި ދޮރާށިކަމުގައި ވާނެ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖެއަށް އިގުތިސާދީ ކުރިއެރުން ލިބި ބާޒާރުގައި ހެޔޮއަގުގައި ތަކެތި ފޯރުކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.