މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)ގެ ހިދުމަތާއިއެކު ވިޔަފާރިވެރިންގެ މުދާ އެމީހުން ބޭނުންވާ ދުވަހަށް އަންނާނެ ކަމުގެ ޔަގީންކަން މިހާރު އެބައޮތްކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
ގދ. ތިނަދޫ އާއި އިންޑިއާގެ ޓުޓިކޮރިންނާއި ދެމެދު ޑައިރެކްޓު ޝިޕިންގ ފެށުމަށް ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުން އެމްއެސްއެސްގެ ފުރަތަމަ ވެސަލްގެ ހިދުމަތް ފެށިގެން ދިޔައީ މާލެ ލޮކްޑައުނަށް ދިއުމުގެ ގާތްގަޑަކަށް 15 ވަރަކަށް ދުވަސްކުރިން ކަމަށް ފާހަގަކޮށް އަމްރު ވަނީ މިހިދުމަތް ފެށިގެން ދިޔައީ މުޅި ދުނިޔެ ހުއްޓިފައި އޮތް ދަނޑިވަޅެއްގައި ކަމަށެވެ.
އެހެން ކަމުން އެއްގައުމުން އަނެއް ގައުމަށް މުދާ ގެންދިއުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވެފައި ވަނިކޮށް ރާއްޖޭގެ ފްރައިޓް ރޭޓް އެއްވެސް ވަރަކަށް ބޮޑު ނުކޮށް އެމްއެސްއެސްގެ މަސައްކަތްތައް ފެށުމުގެ ސަބަބުން މިއަދާ ހަަމައަށް ރާއްޖެއަށް ގެންނަ މުދަލުގެ އަގު ބޮޑުނުކޮށް ހިފޭއްޓުނުކަމަށް އަމްރު ވިދާޅުވިއެވެ. އަމްރު ވަނީ މިއީ އެމްއެސްއެސް އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަން ފާހަގަކޮށްފައެވެ.
މީގެ އިތުރުން އެމްއެސްއެސްގެ ހިދުމަތް ފަށާއިގެން އައިރު، ބޯޓަށް ކޮންޓެއިނަރު ލިބުނަސް، އަދި ނުލިބުނަސް ފުރަން ހަމަޖެހިފައިވާ ދުވަހު ބޯޓު ފުރައި ކަނޑައެޅިފައިވާ ދުވަހަށް ބޯޓު ބަނދަރުކުރުމަށް ނިންމި ނިންމުމުގެ ސަބަބުން މުދާ އޯޑަރު ކުރާ ވިޔަފާރިވެރިންނަށް ދަތިތަކަކާއި ނުލައި ކަނޑައެޅިފައިވާ ދުވަހަށް އެމީހުންގެ މުދާ ލިބިގެންދާކަމަށް އަމްރު ވިދާޅުވިއެވެ.
މިއަދަކީ މިއީ ހުވަދު އަތޮޅުގެ ފަންސާސް ހާސް ރައްޔިތުންނާއި އިންޑިއާގެ 1.3 ބިލިއަން ރައްޔިތުން ގުޅުވައިދިން ދުވަސްކަން ފާހަގަކުރައްވާ އަމްރު ވަނީ މިއީ އެމްއެސްއެސްގެ ތާރީހުގެ ތެރޭގައި ހިމެނޭނެ ދުވަހެއް ކަމަށް ވިދާޅުވެފައެވެ. އަދި މި ހިދުމަތުގެ ސަބަބުން ހުވަދު އަތޮޅުގެ ވިޔަފާރިވެރިންނަށް އަގު ހެޔޮކޮށް ބޭނުންވާ ދުވަހަށް ބޭނުންވާ ގަޑިއަށް މުދާ ގެނައުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އަމްރުގެ ވާހަކައިގައި ހުވަދު އަތޮޅަކީ މީގެ ކުރިން ވަރަށް މުއްސަނދި ވިޔަފާރިވެރިންތަކެއް އުފެދުގެން ދިޔަ ސަރަހައްދެއްކަން ފާހަގަކުރައްވަމުން އަމްރު ވަނީ މިހާރު ހުރިހާ ފަރާތްތަކަކުންވެސް އަމާޒު ހިފާފައިވަނީ ހުވަދު އަތޮޅުގެ ވިޔަފާރި ތަރައްގީކޮށް ހުވަދު އަތޮޅު ވިޔަފާރީގެ ހަބަކަށް ހެދުން ކަމަށް ވިދާޅުވެފައެވެ.
މިީގެ އިތުރުން އިންޑިއާ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދުކަމުން އިންޑިއާގައި އުފައްދާ މުދަލުގެ އިތުރުން އެހެން ގައުމުތަކުގެ މުދާ ހުވަދު އަތޮޅަށް ގެނެވޭނެ މަގު ފަހިވެގެން ގޮސްފައިވާ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.
އެމްއެސްއެސް އިން އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ އަދި ހުވަދުއަތޮޅާ ދެމެދު ކަނޑުމަގުން މުދާ ގެންނަ ފުރަތަމަ ބޯޓު "އެމްވީ ބޮންތި 2″ ތިނަދޫއަށް ބަނދަރުކޮށްފައި ވަނީ އަންގާރަ ދުވަހުއެވެ.