ކ. މާލެ
|
22 ޑިސެންބަރ 2020 | އަންގާރަ 16:53
އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކުގެ ބައެއް ބާވަތްތައް މާލޭގެ ފަޅުތެރޭގައި
އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކުގެ ބައެއް ބާވަތްތައް މާލޭގެ ފަޅުތެރޭގައި
އަޝްވާ ފަހީމް
ސިންގަލް-ޔޫސް ޕްލާސްޓިކް އެތެރެކުރުން
ސިންގަލް-ޔޫސް ޕްލާސްޓިކް އެތެރެކުރުން މަނާކުރެވޭ ގޮތަށް ފާސްކުރި ބިލު ތަސްދީގުކޮށްފި
ލިސްޓުގައި ރައީސް ހިމަނުއްވާ ތަކެތި ބޭނުންކުރުން މަނާކުރާނެ ތާރީޚެއް ކަނޑައަޅާފައި އޮންނަންވާނެ
އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 12 ވަނަ މާއްދާ އުވިގެންދާނެ

ސިންގަލް-ޔޫސް ޕްލާސްޓިކް އެތެރެކުރުން މަނާކުރެވޭ ގޮތަށް އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކޮށްފިއެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް 18 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސޫލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ތަސްދީގުކުރައްވާފައިވަނީ އަންގާރަ ދުވަހުއެވެ. މި ބިލަކީ މި މަހުގެ ހަތްވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

މި ބިލާއެކު އިސްލާހުކޮށްފައިވަނީ ވަނީ އެ ޤާނޫނުގެ ހަތްވަނަ މާއްދާއަށެވެ. އެ ގޮތުން ހަތްވަނަ މާއްދާގައި ހިމެނޭ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ސިންގަލް-ޔޫސް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ތަކެތި ރާއްޖެއަށް އެތެރެކުރުން މި ބިލާއެކު މަނާ ކުރެވޭނެއެވެ.

އަދި އެފަދަ ތަކެތީގެ ލިސްޓެއް، އެކި މަރުހަލާ ތަކަކަށް ބަހާލައިގެން، ކަނޑައެޅުމުގެ އިޚުތިޔާރު މި ބިލުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދެއްވާފައެވެ. ހަމަ އެއާއެކު އެފަދަ ލިސްޓެއް ކަނޑައަޅައި، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ކުރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއި، ލިސްޓު ޝާއިޢުކުރާއިރު ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ހިމަނުއްވާ ތަކެތި ބޭނުންކުރުން މަނާކުރާނެ ތާރީޚެއް ކަނޑައަޅާފައި އޮންނަންވާނެ ކަމަށްވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ތަސްދީގުކޮށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް 17 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ 12 ވަނަ މާއްދާ އުވުނީކަމުގައިވެސް އެ ބިލުގައި ވަނީ ކަނޑައަޅާފައެވެ. މި ޤާނޫނަށް 18 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އަންގާރަ ދުވަހު ތަސްދީގުކުރެއްވުމާ ގުޅިގެން އެ ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. އަދި އެ ޤާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ޤާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

- ކޮމެންޓް