ކ. މާލެ
|
22 ޑިސެންބަރ 2020 | އަންގާރަ 13:11
ޅ ފެލިވަރުގައި މަސްވެރިންތަކެއް އިހުތިޖާޖު ކުރަނީ - މިހާރު ފުލުހުންވެސް އެރަށުގައި ގެންދަނީ ޙަރަކާތްތެރިވަމުން
ޅ ފެލިވަރުގައި މަސްވެރިންތަކެއް އިހުތިޖާޖު ކުރަނީ - މިހާރު ފުލުހުންވެސް އެރަށުގައި ގެންދަނީ ޙަރަކާތްތެރިވަމުން
ރާއްޖެއެމްވީ
ޅ ފެލިވަރުގައި މަސްވެރިން އިހުތިޖާޖު
ހަތަރު ކަމަކަށް ޑިމާންޑްކޮށް، ފެލިވަރުގައި މަސްވެރިން އިހުތިޖާޖު ކުރަނީ
ފުލުހުން މިހާރު އެރަށުގައި ޙަރަކާތްތެރި ވަމުންދޭ
އިހުތިޖާޖުގައި 17 ދޯނިން ބައިވެރި ވެފައިވޭ
މަހުގެ ހަމަ އަގު 20 ރުފިޔާއަށްވުރެ ދަށް ނުވާނެހެން ދެމެހެއްޓުމަށް އެދުނު

ޅ ފެލިވަރުގައި މަސްވެރިންތަކެއް އިހުތިޖާޖު ކުރަމުންދާތީ ފުލުހުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީން" ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ފެލިވަރުގައި މަސްވެރިން އިހުތިޖާޖު ކުރަމުންދާ ކަމުގެ ރިޕޯޓު އަންގާރަ ދުވަހު ލިބިފައިވާ ކަމަށާއި، އެކަމާ ގުޅިގެން ފުލުހުން މިހާރު އެރަށުގައި ޙަރަކާތްތެރި ވަމުންދާ ކަމަށެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ފެލިވަރުގައި މަސްވެރިން އިހުތިޖާޖު ކުރަމުން ދަނީ މައިގަނޑު 4 ކަމަކަށް ޑިމާންޑް ކޮށްގެންނެވެ. އޭގެ ތެރޭގައި މަހުގެ ހަމަ އަގު 20 ރުފިޔާއަށްވުރެ ދަށް ނުވާނެހެން ދެމެހެއްޓުމާއި، ފެލިވަރުން ލުއި ފަސޭހަ ގޮތެއްގައި މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

އޭގެ އިތުރުން، މިފްކޯގެ ބެލުމުގެ ދަށަށް ކީކިމިނި ގެނެސް، ބޭނުން ކުރެވޭނެ ޙާލަތަށް ގެނައުމާއި، ދުވަހުން ދުވަހަަށް މަސް ކިރޭނެ އިންތިޒާމު ހަމަޖެއްސުންވެސް މަސްވެރިންގެ ޑިމާންޑުތަކުގެ ތެރޭގައި ހިމެނެއެވެ.

މި އިހުތިޖާޖު ފެށީ އަންގާރަ ދުވަހުގެ ހެނދުނު 7:30 ހާއިރުއެވެ. އަދި އިހުތިޖާޖުގައި 17 ދޯނިން ބައިވެރި ވެފައިވާއިރު، މިއިން ކޮންމެ ދޯންޏެއްގައި ވިއްސަކަށް ފަޅުވެރިން ތިބެއެވެ.

މަސްވެރިކަން ތަރައްޤީ ކުރުމަށް އަންނަ އަހަރަށް ސަރުކާރުން ގިނަ ކަންތައްތަކެއް ރާވާފައިވެއެވެ. އެގޮތުން މަސްވެރިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ދެއްވި ޚާއްސަ ހިތާބުގައި ވިދާޅުވީ، މި ފެށޭ 2021 ވަނަ އަހަރުގެ ތެރޭގައި، ދިވެހި މަސްވެރިކަން އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށެވެ. އެގޮތުން އައިސް ލިބުމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި، މުޅިން އައު، ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މި އަންނަ އަހަރު ފެށޭނެކަން ރައީސް ސޯލިޙު ފާހަގަ ކުރެއްވިއެވެ.

އަދި ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ޤާއިމު ކުރުމުގެ މަސައްކަތް އިތުރު ކުރެވޭނެ ކަމަށާއި، މަސް ކިރުވުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތްވެސް، މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، މެރިކަލްޗަރގެ ޒަރީޢާއިން މަސްވެރިކަމުގެ ޞިނާޢަތު ސިންދަފާތު ކުރުމުގެ މަސައްކަތްވެސް، މި އަންނަ އަހަރުގެ ތެރޭގައި އިތުރަށް ހަރުދަނާކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަން ރައީސް ސޯލިޙު ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މަސްވެރިންނަށް މިވަގުތު ކުރިމަތިވެފައިވާ، މަސް ކިރުވުމުގެ ދަތިތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށްޓަކައި، 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫޢުތަކެއް، މި އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރު ވަމުންދާ ކަމަށެވެ. އެގޮތުން، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުޚާނާ އިތުރަށް ތަރައްޤީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރު ކުރުމުގެ ޢަމަލީ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ގދ. ތިނަދުއާއި މ. މުލަކުގައި، މަސް ގަންނަ މަރުކަޒެއް ޤާއިމު ކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢުތައް ނިމުމުން، މަސްވެރިންގެ ވަރަށް ގިނަ ޝަކުވާތަކަށް ޙައްލު ލިބިގެންދާނެ ކަމަށް ރައީސް ސޯލިޙު ވިދާޅުވިއެވެ.

- ކޮމެންޓް