ކ. މާލެ
|
22 ޑިސެންބަރ 2020 | އަންގާރަ 12:26
ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު - ޑރ ނަޒްލާ ވިދާޅުވީ، އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އަދި ނިންމަވާފައި ނުވާކަމަށް
އެޗްއީއޯސީ
ލޯކަލް ކައުންސިލް އިންތިހާބު
ރައްކާތެރިކަމާއެކު ކައުންސިލް އިންތިޚާބު ބޭއްވުމާ ގުޅޭގޮތުން އީސީއާ މަޝްވަރާތަކެއް ކުރެވިފައިވޭ: ޑރ ނަޒްލާ
އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައި ނުވޭ
އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑުގެ ހާލަތާ ގުޅިގެން
ރައްކާތެރިކަމާއެކު އިންތިޚާބު ބޭއްވިދާނެތޯ މަޝްވަރާ ކުރެއްވި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީން) ބުނެފިއެވެ.

އާދިއްތަ ދުވަހުގެރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބު ބޭއްވުމާ ގުޅޭގޮތުން ގޮތެއް ނިންމާފައިވޭތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވިދާޅުވީ، އެކަމާ ގުޅޭ މަޝްވަރާތަކެއް ދާދި ފަހުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ޑރ ނަޒްލާ ވިދާޅުވީ، އެކަމުގެ މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް، އަދި މިހާތަނަށް އެކަމުގައި ކަމާބެހޭ ފަރާތްތަކުން ގޮތެއް ނިންމެވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މަޝްވަރާތަކުގެ ތެރެއިންވެސް އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައި ނުވާކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ، މިކަމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ރައްކާތެރިކަމާއެކު އިންތިޚާބު ބޭއްވިދާނެތޯ ކަމަށެވެ.

ކޮންމެވެސް ވަރަކަށް ޑިސްކަޝަންތަކެއް ކުރިއަށް ގެންދެވިފައިވަނީ، އެހެން ނަމަވެސް އަދި އަޅުގަނޑަށް މައުލޫމާތު ލިބިފައެއް ނެތް އެއްކޮށް ކުރިއަށްދާނެ ދުވަހެއް ނޫނީ ދާނެކަން، ޑިޒިޝަން ފައިނަލްވި ކަމެއް، އެހެން ނަމަވެސް މަޝްވަރާތަކެއް ކުރެވިފައިވަނީ ރައްކާތެރިކަމާއެކު ކުރެވިދާނެތޯ ނޫންތޯ
އެޗްއީއޯސީގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު

މި އަަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމާފައި އޮތް ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑުގެ ހާލަތާ ގުޅިގެންނެވެ. އެއާ އެކު ކައުންސިލްތަކުގެ އިންތިހާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސް އެ އިސްލާހު ވަނީ ތަސްދީޤު ކޮށްފައެވެ.

ކޮވިޑާ ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ދަނީ ވަމުންނެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އީސީން އިއުލާން ކުރާނީ ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތްކަމަށް އިއުލާން ކުރުމުން ކަމަށް އިލެކްޝަނުން ބުނެއެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައި، އިންތިޚާބު ބޭއްވުން ރައްކާތެރިކަމަށް ކަނޑައަޅާތާ 7 ދުވަހުގެ ތެރޭ، އިންތިޚާބުގެ ތާރީޚް އީސީން އިޢުލާނު ކުރާނެ ކަމަށް އެ ކޮމިޝަނުގެ މެމްބަރުން މީގެ ކުރިން ވިދާޅުވެފައިވެއެވެ.

- ކޮމެންޓް