ކ. މާލެ
|
21 ޑިސެންބަރ 2020 | ހޯމަ 12:09
ރާއްޖެެއިން ބޭރުން އައި ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ - ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން
ރާއްޖެެއިން ބޭރުން އައި ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ - ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން
ވެލާނާ އެއާޕޯޓް
ކޮވިޑުގެ ހާލަތުގައި ފަތުރުވެރިކަން
ބޯޑަރު ހުޅުވި ފަހުން ފުރަތަމަ ފަހަރަށް 5000ށް ވުރެ ގިނަ ފަސިންޖަރުން، މިއީ އާންމު ޙާލަތުގައިވެސް އަންނަ ވަރު
އާދިއްތަ ދުވަހު 34 ޑޮމެސްޓިކް ފްލައިޓެއް އޮޕަރޭޓް ކޮށްފައިވޭ
ޖުމުލަ 5845 ފަސިންޖަރުން ރާއްޖެ އެތެރެވެފައިވޭ
ދުވަހެއް ދުވަހަކަށް މި އަދަދުތައް ދަނީ އިތުރުވަމުން

ބޯޑަރު ހުޅުވި ފަހުން ފުރަތަމަ ފަހަރަށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް އައި ފަތުރުވެރިންގެ އަދަދު 5000ށް ވުރެ މައްޗަށް އަރައިފިއެވެ.

ހޯމަ ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޓަރމިނަލް އޮޕަރޭޝަންސް ޖެނެރަލް މެނޭޖަރު އިބްރާޙިމް ހުސައިން ވިދާޅުވީ، އާދިއްތަ ދުވަހަކީ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ފަސިންޖަރުން ރާއްޖެއަށް އައި ދުވަސް ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހު އޮޕަރޭޓްކުރި 29 ފްލައިޓުން ޖުމުލަ 5845 ފަސިންޖަރުން ރާއްޖެ އެތެރެވެފައިވާއިރު، މިއީ ކޮވިޑުގެ ކުރިން އާންމު ޙާލަތުގައި ރާއްޖެއަށް ފަސިންޖަރުން އަންނަ އަދަދުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަދި އާދިއްތަ ދުވަހު 3512 ފަސިންޖަރުން ރާއްޖެއިން ފުރާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެތެރޭގެ އުދުހުންތަކަށް އަލިއަޅުވާލައްވާ އިބްރާޙިމް ވިދާޅުވީ، އާދިއްތަ ދުވަހު 34 ފްލައިޓެއް އޮޕަރޭޓް ކޮށްފައިވާ ކަމަށާއި، މިއީވެސް ބޯޑަރު ހުޅުވާލިފަހުން އައު ރެކޯޑެއް ކަމަށެވެ. އަދި އާދިއްތަ ދުވަހު އެކަނިވެސް 26 ޕްރައިވެޓް ޖެޓް އޮޕަރޭޓް ކޮށްފައިވާކަން ފާހަގަ ކުރައްވައި އިބްރާޙިމް ވިދާޅުވީ، ދުވަހެއް ދުވަހަކަށް މި އަދަދުތައް އިތުރުވަމުންދާ ކަމަށެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ބޯޑަރު ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެެވެ. އެގޮތުން ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވެސް ލައްކައަކަށްވުރެ މައްޗަށް ގޮސްފައިވާއިރު، ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލު ވުމަށްޓަކައި ނިއު ނޯމަލްގެ ތެރޭގައި ރާއްޖެއަށް ފަސް ލައްކަ ފަތުރުވެރިން ޒިޔާރަތްކުރަން ޖެހޭކަމަށް ބުނެފައިވެއެވެ. އެއާއެކު މި ހިނގާ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އަހަރުގެ ފަސް ލައްކަ ވަނަ ފަތުރުވެރިޔާ އައުން ކާމިޔާބުކަމާއެކު ސަރުކާރުން މި ވަނީ ފާހަގަކޮށްފައެވެ.

އަންނަ އަހަރަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ޓާގެޓަކީ 1.5 މިލިއަން ފަތުރުވެރިންނެވެ. އަދި މިހާރު ހާލަތަށް އަންނަ ބަދަލާއެކު، އެ އަދަދަށް ފަތުރުވެރިން އަންނާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް