ކ. މާލެ
|
21 ޑިސެންބަރ 2020 | ހޯމަ 09:32
އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީޤު - ޑރ ނަޒްލާ ވަނީ ޔޫކޭގައި ފެތުރެމުންދާ ވައިރަސްގެ އައު ސްޓްރެއިންގެ މައުލޫމާތު ލިބުމާއެކު، ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަމުންދާކަން ފާހަގަ ކުރައްވާފައި
އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީޤު - ޑރ ނަޒްލާ ވަނީ ޔޫކޭގައި ފެތުރެމުންދާ ވައިރަސްގެ އައު ސްޓްރެއިންގެ މައުލޫމާތު ލިބުމާއެކު، ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަމުންދާކަން ފާހަގަ ކުރައްވާފައި
އެންއީއޯސީ
ޔޫކޭ އިން ފެނުނު ކޮރޯނާވައިރަސްގެ އައު ބާވަތް
ޔޫކޭގައި ވައިރަސްގެ އައު ސްޓްރެއިންއެއް ފެތުރުން: ރާއްޖެއިން ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަނީ
ވައިރަސްގެ މައުލޫމާތުތައް ރާއްޖެއިންވެސް ގާތުން ބަލަމުންދޭ
މިހާރު އަޅާފައިވާ ފިޔަވަޅުތަކަށްވެސް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިއްމު ކަމެއް
އިނގިރޭސިވިލާތަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މައިގަނޑު އެއް މާކެޓު

އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަސްގެ އައު ސްޓްރެއިން އާ ގުޅިގެން އެ ޤައުމުގައި ބަލި ކޮންޓްރޯލް ވުމެއްނެތި ފެތުރެމުން ދިއުމާއެކު، އެކަމުން ރާއްޖެއަށް އޮތް ނުރައްކާ ދެނެގަނެ ފިޔަވަޅުތައް ހަރުދަނާ ކުރަމުންދާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

އާދިއްތަ ދުވަހުގެރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވިދާޅުވީ، އިނގިރޭސިވިލާތުގައި ފެތުރެމުންދާ ވައިރަސްގެ މައުލޫމާތުތައް ރާއްޖެއިންވެސް ގާތުން ބަލަމުންދާ ކަމަށެވެ. އެގޮތުން މިހާރު ހުރި ފިޔަވަޅުތައް އިތުރަށް ތަންފީޒު ކުރުމާއި، ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ، އައު ބާވަތެއްގެ ވައިރަސްއެއް ފެތުރެމުންދާކަމަށް ވާހަކަ ދެކެވޭ މި ދަނޑިވަޅުގައި މި ވައިރަސްއިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށްވެސް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ޔޫކޭގައިވެސް އައު ސްޓްރެއިންއެއް ފެނިފައިވާ ވާހަކަ އެނގިވަޑައިގަންނަވާނެ، މިކަހަލަ ކަންކަމުގެ މައުލޫމާތު މި ލިބިގެންދަނީ އެ ސްޓްރެއިން ފެތުރެން ފަށާ ފަހުން، އަޅުގަނޑުމެން މި ދަނީ މި ސްޓްރެއިންގެ ކަންކަންވެސް ގާތުން ބަލަމުން، އަދި މިކަމާ ގުޅިގެން އިތުރަށް މިހާރު ހުރި ފިޔަވަޅުތައް އިމްޕްލިމެންޓޭޝަން ރަނގަޅު ކުރުމާ، ފިޔަވަޅުތަކަށް ސަމާލުކަންދީ އެކަންކަން ތަންފީޒު ކުރެވޭ މިންވަރު އިތުރު ކުރުމުގެ މަސައްކަތް ކުރިއަށްދޭ،
އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީޤު

އިނގިރޭސިވިލާތުން ފެނިފައިވާ ވައިރަސްގެ މި އައު ސްޓްރެއިން ވައިރަސްގެ އަސްލަށްވުރެ އަވަސް މިނުގައި ފެތުރެމުން އަންނަ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ. އެހެންނަމަވެސް ވައިރަސްއަށް މި އައި ބަދަލުގެ ނުރައްކާތެރިކަމުގެ މިންވަރު އަދި މިހާތަނަށް ހޯދިފައެއްނުވެއެވެ.

އިނގިރޭސިވިލާތުގައި މި އައު ސްޓްރެއިން ހަލުވިކަމާއެކު ފެތުރެމުންދާތީ ބައެއް ޤައުމުތަކުން މިހާރު ވަނީ އެ ޤައުމަށް ކުރާ ދަތުރުތައްވެސް ހުއްޓާލާފައެވެ. އެގޮތުން އިނގިރޭސިވިލާތަށް ކުރާ ދަތުރުތައް ހުއްޓާލި ޤައުމުތަކުގެ ތެރޭގައި ސައުދީއަރަބިއާ އަދި ނެދަރލޭންޑްސް ހިމެނެއެވެ.

އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ ނަޒްލާ ވިދާޅުވީ، ވައިރަސްއާ ބެހޭ މައުލޫމާތުތައް ލިބެމުންދާ މިންވަރަކަށް އެއާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ފަރާތުންވެސް އެކަމުގެ މައުލޫމާތު ލިބިފައިވާކަން ފާހަގަ ކުރައްވައި ޑރ ނަޒްލާ އިތުރަށް ވިދާޅުވީ، ޓެކްނިކަލް ޓީމުން މިހާރު އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

މިކަހަލަ ކޮންމެ ސްޓްރެއިންއެއް އައުމުގެ ކުރިންވެސް ނޫނީ އައީމަވެސް އޭތި އިތުރަށް ފެތުރުން ރައްކާތެރި ކުރުމަށްވެސް ކުރަންޖެހޭ ކަންކަމަކީ ހަމަ އާންމުކޮށްވެސް މި ކުރާ ކަންކަން، އެހެންވީމާ ޚާއްސަކޮށް ފަތުރުވެރިން އަންނަ ތަންތަނުގައި މިހާރު ހުރި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އެކަންކަން ގާތުން ތަންތަނުގެ އިސް ފަރާތްތަކުން ބަލައި މޮނިޓަރ ކުރުމަކީ މުހިއްމުކަމެއް، ބޭސިކް ކަންކަން ރަނގަޅަށް ހިފެހެއްޓިއްޖެ ނަމަ ފެތުރުމުގެ ފުރުސަތު ކުޑަ ކޮންމެ ސްޓްރެއިންއެއް ނަމަވެސް،
އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީޤު

އެކަމާ ގުޅޭގޮތުން ހޯމަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޖެނެރަލް މެނޭޖަރ (ޓަރމިނަލް އޮޕަރޭޝަންސް) އިބްރާޙިމް ހުސައިން ވިދާޅުވީ، އިނގިރޭސިވިލާތަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މައިގަނޑު އެއް މާކެޓު ކަމަށާއި، އެ ޤައުމުގައި ވައިރަސްގެ އައު ސްޓްރެއިންއެއް ފެނިފައިވުމާއެކު އެކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އިނގިރޭސިވިލާތުގެ ފްލައިޓުތައް ހުއްޓާލުމަށް ނިންމާފައިވާކަން އެނގިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން މި އައު ސްޓްރެއިން ދިރާސާކުރަމުން އަންނައިރު އެކަމުގެ މައުލޫމާތު ޑަބްލިޔުއެޗްއޯއާ ހިއްސާކުރަމުން އަންނަ ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ. އަދި މި ސްޓްރެއިންގެ މައުލޫމާތު މެމްބަރު ގައުމުތަކަށާއި އާންމުންނަށް ފޯރުކޮށްދެމުން ގެންދާނެކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

މި އައު ސްޓްރެއިން އާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ވައިރަސްގެ އަސްލަށްވުރެ 70 އިންސައްތަ އިތުރަށް މި ސްޓްރެއިން އިން ވައިރަސް ފެތުރޭކަމަށެވެ. އެހެންނަމަވެސް މި ސްޓްރެއިން އިން މަރުވާ މީހުންގެ އަދަދު އިތުރުވާކަމެއް އަދި ހޯދިފައިނުވާކަމަށް އޮފިޝަލުން ބުނެއެވެ.

- ކޮމެންޓް
21 ޑިސެންބަރ 2020 | ހޯމަ 15:30
ފިޔާޒް މޫސާ7905
ކޮބާ މި ގައުމުގެ ހުރިހާ ކަމެއް އެންމެ މޮޅަށް އިނގޭ ރޯނު އެދުރު ގުރޫޕް 19 ވަނަ ރައްޔިތުން މަޖލިސް ތިބި އެމްޑިޕީ ޕީޖީ ގްރޫޕް އަދި އެބައިގަނޑު އެއްޗެއް ނުބުނޭތަ؟ ކޮންމެ ކަމެއް ތެރއަށް ވަދެގެން ގައުމު ހަލާކު ގުރޫޕެއް އެއީ އިނގިރޭސިވިލާތުން ރާއްޖެއަށް މީހުން އެތެރެ ވުންމިހާރުން މިހާރަް ވެސް މަނާކުރަން ޖެހޭ،،