ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު ކުރިޔަށްގެންދިޔަ ކާފިއު އުވާލައިފިއެވެ.
އެކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިގިނލީގައި ރޭގަނޑު 12ން ފެށިގެން ފަތިހު 4ށް އެއްގަމު އުޅަނދު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން މަނާކުރުން ބާތިލްކޮށްފައިވާ ކަމަށެވެ.
އެޗްޕީއޭގެ މި އިއުލާންގައި އިތުރަށް ބުނެފައިވަނީ މިފިޔަވަޅުތަކާއެކު އެޗްޕީއޭއިން ނޮވެމްބަރ މަހުގެ 7 ވަނަ ދުވަހުގެ އެންގުމުގައި ބުނެފައިވާ އެހެނިހެން ފިޔަވަޅުތަކާއި ލުއިތަކާއި އިސްތިސްނާތައް އެގޮތަށް ދެމިއޮންނާނެކަމަށެވެ.
ނޮވެމްބަރ މަހުގެ 7 ވަނަ ދުވަހުގެ އެންގެމުގައި ކާފިއުގެ ވަގުތުގެ އިތުރުން ދެން އަޅާފައިވާ ފިޔަވަޅުތަކަކީ މާލެ ސަރަހައްދުގައި އެއްވެސް ވަގުތެއްގައި އެއްފަހަރާ 15 މީހުންނަށްވުރެ ގިނަ މީހުން މަގުމަތީގައި އެއްވެއުޅުން ހުއްޓާލުމެވެ. އަދި މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުވުމާއި ރާއްޖޭގެ އެތެރޭގައި ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުކުރާ ފަރާތްތައް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުކުރުމާއި ހުރިހާ ވަގުތެއްގައިވެސް މާސްކު އެޅުމެވެ. އެހެންކަމުން މިކަންކަން އެގޮތުގައި އަދިވެސް ދެމިއޮންނާނެއެވެ.
ކޮވިޑް-19ގެ ކޭސް އެއް އެންމެ ފުރަތަމަ މާލެސިޓީން އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ފެނުމާއެކު މާލެ ސިޓީ ލޮކްޑައުން ކުރުމަށްފަހު ގާތްގަނޑަކަށް ދެމަސްފަހުން ލޮކްޑައުންއަށް ލުއިތައް ދެމުން އައިސް 8 މަސް ފަހުން މިވަނީ ކާފިއު އުވާލާފައެވެ. މާލެ ސިޓީ ލޮކްޑައުންކޮށްފައި އޮތްއޮތުމަށް މެއި މަހުގެ ފަހުކޮޅުން ފެށިގެން ލުއިތައް ދެމުން އައިނަމަވެސް ރޭގަނޑު ގަޑީގައި ދިޔައީ ކާފިއު ހިންގަމުންނެވެ. އެހެންނަމަވެސް ކާފިއު ހިންގާ ވަގުތުތަކަށް ވަނީ އެއިރެއްގެ ހާލަތަށްބަލާ ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން ޖުލައި މަސް ނިމެމުންދިޔައިރު ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމާއެކު އޮގަސްޓް މަސްތެރޭގައި ފިޔަވަޅުތައް ވަރުގަދަކުރިއެވެ. އެގޮތުން އޮގަސްޓްމަހުގެ 4 ވަނަ ދުވަހު ރޭގަނޑު 10ން ފެށިގެން ފަތިހު 5ށް މާލެ ސަރަހައްދުގައި ކާފިއު ހިންގަންފެށިއެވެ. އެއަށްފަހުވެސް ކޭސްތައް ފެންނަމިންވަރު މަތިވަމުން ދިޔުމުގެ ސަބަބުން އޮގަސްޓްމަހުގެ 23 ވަނަ ދުވަހު މާލެ ސަރަހައްދުގައި ރޭގަނޑު 8ން ފެށިގެން ފަތިހު 5ށް އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާކުރިއެވެ. އަދި ރޭގަނޑު 10ން ފެށިގެން ފަތިހު 5ށް ބޭރަށް ނިކުމެ އުޅުން މަނާކުރިއެވެ.
އެއަށްފަހު ކޭސްތައް ފެންނަ މިންވަރު ދަށަށްދާން ފެށުމުން ރޭގަނޑު އެއްގަމު އުޅަނދު ދުއްވާ ވަގުތު 10ން ފެށިގެން ފަތިހު 5ށް އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހު ބަދަލުކުރިއެވެ. އަދި އޭގެފަހުން ނޮވެމްބަރ މަހުގެ 7 ވަނަ ދުވަހު މާލެ ސަރަހައްދުގައި އުޅަނދު ފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅެން މަނާވާނީ ރޭގަނޑު 12ން ފެށިގެން ފަތިހު 4ށް ކަމުގައި ކަނޑައެޅިއެވެ.
ރާއްޖޭގައި މިހާރު ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. އެގޮތުން ޑިސެމްބަރ މަހަށް ބަލާލާއިރު މިމަހުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އުޅެނީ 40ށް ވުރެ ދަށުގައެވެ.
ކޭސްތައް ފެންނަ މިންވަރު ދަށަށްގޮސްފައިވާއިރު އެޗްޕީއޭއިން ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މިދިޔަ ހަފްތާގައިވެސް ލުއިތަކެއްދީފައެވެ.
އެގޮތުން ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް މަދު ކުރުމާއި ރާއްޖެއިން ބޭރުން އައިސް ކަރަންޓީން ވާން ނުޖެހުމުގެ އިތުރަށް މާލެއިން ރިސޯޓުތަކަށް ދާއިރު ކަރަންޓީން ވާން ނުޖެހޭ ގޮތަށް ވެސް އެޗްޕީއޭއިން ވަނީ އުސޫލަށް ބަދަލުތައް ގެނެސްފަ އެވެ.