ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އުފެއްދެވީ ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތަކެއް، ވީހާ އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވެފައި ވަނީ އެމްޓީސީސީއަށް 40 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ދެއްކި "ކާމިޔާބު 40" ޓީވީ ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ސޯލިހު ވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ހުރަސްތަކާ އެކުވެސް، ނިމިގެން މިދާ އަހަރަކީ، އެމްޓީސީސީގެ މުޅި ތާރީޚުގައި ވެސް އެންމެ ފައިދާ ބޮޑު އަހަރުކަން ފާހަގަކުރައްވައި، މިދިޔަ 40 އަހަރުގެ ތެރޭގައި، ރައްޔިތުންނަށް ފޯރުކޮށްދީފައިވާ މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ކުންފުނި މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޝާމިލްވި، ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމުގައި، އެމްޓީސީސީން އަދާކުރަމުން އަންނަނީ ނަމޫނާ ދައުރެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ ކޮވިޑް-19ގެ ސަބަބުން، ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުން އަރައިގަތުމުގައި، ތަރައްގީގެ މުޅިން އައު މަސައްކަތްތަކެއް ބާރު ދުވެލީގައި ކުރިއަށް ގެންދަންޖެހިފައިވާ ކަމުގައި ވިދާޅުވެފައެވެ.
އެގޮތުން، ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އިސްކަން ދީގެން އަންނަ އަހަރުގެ ތެރޭގައި، ރަށްރަށުގައި ހިންގަން ހަމަޖެހިފައި ހުރި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، އެ މަޝްރޫއުތަކުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކުރެވޭ މަޝްރޫއުތައް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމައި، ކުންފުންޏާ މެދު އުފެދިފައިވާ އިތުބާރާއި ޔަގީންކަން ދަމަހައްޓާނެކަން ޔަގީން ކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19ގެ މި ހުރަސްތަކާ އެކުވެސް، މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ނިޔަލަށް، ޓެކުހަށް ކެނޑުމުގެ ކުރިން އެމްޓީސީސީއަށް ލިބުނު ފައިދާ 140 މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވުމަކީ، ކުންފުނީގެ ހިންގުންތެރިކަމާއި، މާލީ ރޭވުންތެރިކަން ހަރުދަނާކުރެވިފައިވާކަމުގެ ހެއްކެއްކަމަށެވެ.
މީގެ އިތުރުން ވެސް ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް ޚާއްސަ އިސްކަމެއް ދޭން ސަރުކާރުން ނިންމަވާފައިވާކަމަށާއި، އެއީ ލާމަރުކަޒީ ނިޒާމުން އަސާސީ ޚިދުމަތްތައް ދިނުމުގެ މުހިންމުކަން ކުރިއަށް ވުރެ އެތައް ގުނައެއް މިހާރު ބޮޑުވެފައިވާ ކަމަށް ގަބޫލުކުރެވޭތީކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މިހާރު ވެސް އެންމެ ގޮންޖެހުން ބޮޑު އަސާސީ ޚިދުމަތަކީ ދަތުރުފަތުރުގެ ޚިދުމަތްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ގަސްތުކުރާ އެންމެ މުހިންމު އެއް މަޝްރޫއަކީ، ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތްކަމަށެވެ.
ސަރުކާރުގެ އެއް ވިސްނުމަކީ، މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔުންކަމަށާއި، މި ކަމުގެ މަޝްވަރާތައް ޕްލޭނިން މިނިސްޓްރީއިން ވަރަށް އަވަހަށް އެމްޓީސީސީއާ އެކުގައި ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ޚިދުމަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ގޮތުން މި ސަރަޙައްދުގެ ބަހުގެ ޚިދުމަތް ދިނުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ އެމްޓީސީސީގެ 40 އަހަރުގެ ތާރީޚާ ގުޅުވައިގެން ތައްޔާރުކުރި، ޚާއްސަ ފޮތެއް ވެސް އިފްތިތާހުކޮށްދެއްވާފައެވެ.