ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ސަރުކާރާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގުޅިގެން މަސައްކަތްކުރާކަމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތައް އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފިއެވެ.
އީސީގެ މެންބަރު އިސްމާއިލް ހަބީބު ހުކުރު ދުވަހު ކުރައްވާފައިވާ ޓްވީޓްގައި ވަނީ ކުއްލިނުރައްކާ އުވާލައި، އިންތިޚާބު ބޭއްވުން ރައްކާތެރިކަމަށް ކަނޑައަޅާތާ 7 ދުވަހުގެ ތެރޭ، އިންތިޚާބުގެ ތާރީޚް އީސީން އިޢުލާންކުރާނެ ކަމަށެވެ. އަދި އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަކީ ހަޤީގަތާއި ޚިލާފް ތުހުމަތުތަކެއްކަމަށް ހަބީބު ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް އިލެކްޝަނުން ކޮމިޝަނުން ދަނީ ވަމުންނެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އީސީން އިއުލާން ކުރާނީ ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތްކަމަށް އިއުލާން ކުރުމުންކަމަށް އިލެކްޝަނުން ބުނެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް 5 ޖެނުއަރީގެ ކުރިން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހުއްދަ ނުދީފިނަމަ އިންތިޙާބު ނުބޭއްވޭނެކަމަށް އީސީން ވަނީ ބުނެފައެވެ.
މި އަަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމާފައި އޮތް ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑުގެ ހާލަތާ ގުޅިގެންނެވެ. އެއާ އެކު ކައުންސިލްތަކުގެ އިންތިހާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސް އެ އިސްލާހު ވަނީ ތަސްދީގުކޮށްފައެވެ.