ހދ. ނޮޅިވަރަންފަރަށް ބަދަލުކުރި އާއިލާތަކުގެ ތެރެއިން، ދާއިމީ ބޯހިޔާވަހިކަމެއް ނެތް 52 އާއިލާއަކަށް ހައުސިން ޔުނިޓްތައް ހަވާލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ފަށައިފިއެވެ.
ރާއްޖެއެމްވީއަށް ހައުސިން މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވީ ނޮޅިވަރަންފަރަށް އެއަތޮޅުގެ 3 ރަށަކުން މީހުން ބަދަލުކުރި ކަމަށެވެ. ދާއިމީ ބޯހިޔާވަހިކަމެއް މިހާރު ނެތް އާއިލާތަކަށް ހައުސިން ޔުނިޓްތައް ދޫކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކޮށް އޮފިޝަލް ވިދާޅުވީ އެގްރިމެންޓް ހެދުމާއި ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތް ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ނޮޅިވަރަންފަރަށް ބަދަލުކުރީ ހދ.މާވައިދޫ، ހދ.ފަރިދޫ އަދި ހދ. ކުނބުރުދޫގެ އާއިލާތަކެވެ. 2011 ވަނަ އަހަރު ބަދަލުކުރި މިއާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަން ހަމަޖައްސައި ދޭން ޖެހެނީ ސަރުކާރުން ކަމަށްވާއިރު، މިއާއިލާތަކަށް ޚާއްސަކޮށްގެން 60 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫއު ވެސް ފެށިއެވެ. ނަމަވެސް އެކި ސަބަބުތަކާއި ހުރެ މަސައްކަތް ނުކުރެވި ހައުސިން ޔުނިޓްތަކުގެ މަސައްކަތް ވަނީ ނިންމާނުލިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މިހައުސިން ޔުނިޓްތަކުގެ ނިމިފައިހުރީ ހަމައެކަނި ސްޓްރަކްޗަރގެ މަސައްކަތާއި، ގެތަކުގެ ފުރާޅުގެ މަސައްކަތެވެ. ނަމަވެސް މިސަރުކާރާއެކު ހައުސިން ޔުނިޓްތަކުގެ މަސައްކަތްތައް ވަނީ ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް ނިންމާލާފައެވެ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މިސަރުކާރުންގެ ރިޔާސީ ވައުދަކަށްވާއިރު، ނޮޅިވަރަންފަރުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ހައުސިން ޔުނިޓްތަކުގެ މަސައްކަތްތަކާއި، ކައުންސިލްތައް ގުޅިގެން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.