ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ދެނެގަތުމަށް ކުރެވޭ ދިރާސާއެއް މާލެ ސަރަހައްދުގައި ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
އެޗްޕީއޭ އިން ބުނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތަށް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ތަމްސީލުވާ ގޮތަށް މި ދިޔަ އަހަރު ކުރަން ފަށާފައިވާ ދިރާސާ "ސްޓެޕް ސާރވޭ" ފެށުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ ސަރަޙައްދުގައި މި ސަރވޭ ކުރިޔަށްގެން ދިއުމަށް ނިންމާފައިވާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
އެޗްޕީއޭގެ އިސްނެގުމުގެ ދަށުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ގުޅިގެން ކުރިޔަށް ގެންދާ މި މަސައްކަތުގެ ދަށުން ޤުރުއަތުން ނެގިފައިވާ ގޭގެއަށް މައުލޫމާތު އެއްކުރުމަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ އިދާރާއިން ބުނީ ސަރވޭ ގެ މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތްތައް ތިއްބަވާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އިން މިކަމަށް ދޫކޮށްފައިވާ ފާހެއް އަޅުއްވައިގެން ކަމަށެވެ.
އެޗްޕީއޭ އިން ވަނީ މި ސާރވޭ ކުރިޔަށްގެންދިއުމަށް ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަށް އެދިފައެވެ.