ދިވެހި ދައުލަތުން މި އަހަރު ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށް ބާއްވަވާ ރަސްމީ ޖަލްސާ، މި މަހުގެ 26 ވާ ހޮނިހިރު ދުވަހުގެރޭ ބާއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.
މި ޖަލްސާ އޮންނާނީ، އެރޭ 20:30 ގައި ޖުމްހޫރީ މައިދާނުގައެވެ. މި ޖަލްސާ ބާއްވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެންނެވެ.
މި ޖަލްސާގައި ދެއްވާ އިނާމުތަކުގެ ތެރޭގައި، ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ހިމެނެއެވެ.
ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށް މި ބާއްވަވާ ޖަލްސާ އިންތިޒާމު ކުރައްވަނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒުންނެވެ. އަދި މި ޖަލްސާގެ ކަންތައްތައް ރާއްވަވަމުން ގެންދަވަނީ، އެޗް.ޕީ.އޭ.ގެ އިރުޝާދާއެކު ކޯވިޑުގެ ޙާލަތާ ގުޅިގެން އަޅުއްވަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ. އެހެންކަމުން، ޖަލްސާއަށް ދަޢުވަތު އަރުވާ ބޭފުޅުންގެ އަދަދު، އެހެން އަހަރުތަކަށްވުރެ މި އަހަރު މަދުވާނެއެވެ.
ޤައުމީ އިނާމަށް ބޭފުޅުން ހޮވާފައިވަނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ކުރި މަސައްކަތުގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ، މި އިނާމާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ކަންތައްތަކުގެ މައްޗަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.