ފަނޑިޔާރަކަށް ދިމާވާ ހާއްސަ ހާލަތަކާއި ގުޅިގެން، ދެވޭ ޗުއްޓީ ދުވަސްތަކުގައި މުސާރައާއި އިނާޔަތް އުނިނުވާގޮތަށް، "ފަނޑިޔާރުންގެ ހާޒިރީއާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެ އުސޫލް" އިސްލާހުކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން "ފަނޑިޔާރުންގެ ހާޒިރީއާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެ އުސޫލް" އަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ، ފަނޑިޔާރަކަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، ކަމާ ގުޅުންހުރި ލިޔެކިޔުންތަކާއެކު ހުށަހެޅުމުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ކަނޑައަޅާ އުސޫލަކުން މުސާރައާއި އިނާޔާތްތަކުން އުނިނުވާ ގޮތަށް ހާއްސަ ޗުއްޓީއެއް ދެވިދާނެކަމަށެވެ. މި ޗުއްޓީއަށް އެދި ހުށަހަޅަން ޖެހެނީވެސް ޖޭއެސްސީއަށެވެ.
މީގެއިތުރުން ޑޮކްޓަރު ސެތްފިކެޓަކާއެކު، ފަނޑިޔާރެއްގެ ނުވަތަ ފަނޑިޔާރެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއްގެ ސިއްހީ ސަބަބުތަކަށްޓަކައި ދެވޭ ދިގު މުއްދަތުގެ ޗުއްޓީއަކަށް ފަނޑިޔާރަކު އެދިއްޖެނަމަ، މުސާރައާއި އިނާޔަތްތަކުގެ ދެބައިކުޅަ އެއްބައި ދޭގޮތަށް 1 އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތެއްގެ ޗުއްޓީއެއް ދެވިދާނެ ކަމަށްވެސް އަލަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވެއެވެ.
މީގެއިތުރުން، ސުޕްރީމް ކޯޓާއި ހައިކޯޓު ފިޔަވާ އެހެން ކޯޓުތަކުގެ ހިންގުމާ ހަވާލުވެ ހުންނަވާ ފަނޑިޔާރަކު ޗުއްޓީއަށް ދާނަމަ، އެ ކޯޓު ހިންގުން އެހެން ފަނޑިޔާރަކާ ހަވާލު ކުރާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ބުނެފައިވެއެވެ. އަދި އުއްތަމަ ފަނޑިޔާރު ޗުއްޓީ ނަންގަވާ ހާލަތުގައި ސުޕްރީމް ކޯޓުގެ ހިންގުން ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ އުއްތަމަ ފަނޑިޔާރު ކަމާއި އަދި ހައިކޯޓުގެ އިސް ފަނޑިޔާރު ޗުއްޓީ ނަންގަވާ ހާލަތުގައި ހައިކޯޓުގެ ހިންގުން ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށްވެސް ބުނެފައި ވެއެވެ.