ކ. މާލެ
|
17 ޑިސެންބަރ 2020 | ބުރާސްފަތި 08:09
އެމްޓީސީސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ކްރިކް ރިޒާ (ވ)
އެމްޓީސީސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ކްރިކް ރިޒާ (ވ)
ސޯޝަލް މީޑިއާ
އެމްއެމްޕީއާރުސީގެ ހިޔާނާތް: ރ. ފުއްގިރި
އެމްއެމްޕީއާރުސީގެ ހިޔާނާތް: އަންގާރަ ދުވަހު ކެންސަލްކުރި ކްރިކް ރިޒާގެ އަޑުއެހުން މިއަދު
މިމައްސަލައަކީ ރ. ފުއްގިރި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުށްޔަން ދިނުމުގައި ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރަށްވިރެ ގިނަ ޑޮލަރު ނަގާފައިވާ މައްސަލައެއް
މިމައްސަލާގައި ރައީސް ޔާމީންގެ އެކައުންޓަށް 1،117،000 ޑޮލަރު ޖަމާކުރި، ކުރިކް ރިޒާއަށް 232،885 ޑޮލަރު ލިބި ބޭނުންކޮށްފައިވޭ
ކުރިކް ރިޒާ ވަނީ ދައުވާތަކަށް އިންކާރުކޮށްފައި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތުގެ ފައިސާ އިން މަނީ ލޯންޑަރ ކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު އުޅުއްވި ކަމަށް ތުހުމަތު ކުރެވޭ، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކުރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މި އަޑުއެހުން ތާވަލްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ 10:00 އަށެވެ.

ކްރިކް ރިޒާގެ މައްޗަށް ދައުވާ ކޮށްފައިވާ ދެ ދައުވާއާ ގުޅިގެން މިދިއަ ނޮވެމްބަރު 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަށް އިންކާރު ކޮށްފަ އެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއެވެ. އެ ދެ ދައުވާއަށް ކުރިކް ރިޒާ އިންކާރުކޮށްފައިވާތީ، ދެން އޮންނާނީ މިމައްސަލައިން ދިފާއުވުމަށް ހުށަހަޅަން ބޭނުންވާ ހެކި ހުށަހެޅުމެވެ.

ކުރިކް ރިޒާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަކުގައި ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކުރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

މި ފައިސާ ރައީސް ޔާމީންއަށް ލިބުމުގައި މެދުވެރިވެ، ކުށްކޮށްގެން ހޯދާފައިވާ އެ ފައިސާ ކުރިކް ރިޒާގެ އަތުގައި ބަހައްޓާފައިވާތީއާއި، އަދި އެ ފައިސާގެ ތެރެއިން 232،885 ޑޮލަރު (ދެ ލައްކަ ތިރީސްދެހާސް އަށް ސަތޭކަ އަށްޑިހަ ފަސް ޑޮލަރު) ކުރިކް ރިޒާ ބޭނުންކޮށްފައިވާތީ، ކުރިކް ރިޒާ ބޭނުންކޮށްފައިވާ ފައިސާ ދައުލަތަށް ނަގައި ދިނުމަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައި ވެއެވެ.

ބޭންކް އޮފް ސިލޯނުގައިވާ ކުރިކް ރިޒާގެ އެކައުންޓެއް މެދުވެރިކޮށް، 1 ސެޕްޓެމްބަރު 2015 އާއި 9 ސެމްޓެމްބަރު 2015 ވަނަ ދުވަހު ދެ ޗެކެއް މެދުވެރިކޮށް ކޮންސަލްޓަންސީ ފީގެ ގޮތުގައި ބުނެ އޮޅުވާލައިގެން ފައިސާ ޖަމާކޮށްފައިވާ ކަމަށް ވެސް ދައުލަތުން ބުނެއެވެ. އަދި އެފައިސާގެ ތެރެއިން 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ސަން ސިޔާމުގެ ކުންފުންޏެއް ކަމަށްވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ކުންފުނީގެ އެކައުންޓަށް ޖަމާކޮށް، އަދި ސަން ސިޔާމުގެ އެހެން ކުންފުންޏެއް ކަމަށްވާ ސަން އިންވެސްޓްމަންޓް ކުންފުނި މެދުވެރިކޮށް، ރައީސް ޔާމީންއަށް ފައިސާ ފޯރުކޮށްދީފައިވާ ކަމަށް ދައުލަތުން ބުނެއެވެ. ކުރިކް ރިޒާއާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ ދެމެދުގައި ހިންގާފައިވާ މުއާމަލަތަކީ ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތެއް ދައްކަން މަސައްކަތްކޮށްފައިވާ ކަމަށްވެސް ދައުލަތުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން، ރައީސް ޔާމީނާއި މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަތުން، 591،118،915.20ރ (ފަަސް ސަތޭކަ ނުވަދިހަ އެއް މިލިއަން އެއް ލައްކަ އަށާރަ ހާސް ނުވަސަތޭކަ ފަނަރަ ރުފިޔާ ވިހި ލާރި) ހޯދުމަށް ދައުލަތުން މަސައްކަތް ކުރާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައި ވެއެވެ.

ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގައި މެދުވެރިޔަކަށްވުމުގެ ކުށުގެ ދައުވާގެ ސާބިތުވެއްޖެނަމަ، އަދަބެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ، ގިނަ ވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުލާލުން ނުވަތަ ގޭބަންދު ކުރުމެވެ. އަދި އޭނާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގގެ ދައުވާ ސާބިތު ވެއްޖެނަމަ، 100،000ރ. (އެއްލައްކަ ރުފިޔާ) އާއި 1،000،000ރ (އެއްމިލިއަން ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު، 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުން ކުރި ފައިސާގެ އަދަދު (ލޯންޑަރކުރި ފައިސާގެ އަދަދު)ގެ 5 ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ކްރިކް ރިޒާއަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ރ. ފުއްގިރި ހިޔާނާތުގެ މައްސަލާގައި ދައުވާ ކޮށްފައިވަނީ ކުރިކް ރިޒާގެ އިތުރުން، ރައީސް ޔާމީނާއި ސަން ސިޔާމުގެ ދެ ކުންފުނީގެ މައްޗަށެވެ.

- ކޮމެންޓް