ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގައި މާލެ ސިޓީ އަދި އަތޮޅުތެރެއާ މެދު ވަރަށް ބޮޑު ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ބުނަމުންދާ ފަރާތްތަކަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރައްދުދެއްވައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މާލެ ސިޓީ އަދި އަތޮޅުތެރެއާ ބޮޑު ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ބުނެ ގިނަ ބަޔަކު ސުވާލުކުރަމުންދާ ކަމަށެވެ. ނަމަވެސް އަބަދުވެސް ބަލަމުންދަނީ ބަލީގެ ހާލަތަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ މާލެ ސިޓީގައި އޮތީ ކޮމިއުނިޓީ ސްޕްރެޑެއް ކަމަށާއި، އަތޮޅުތެރޭގެ ރަށްތައް ބަލީގެ ނުރައްކަލަކަށް ހުށަހެޅިގެންނުދާ ކަމަށެވެ. ބައެއް ރަށްތަކަކީ ފަތުރުވެރިކުގެ ވިޔަފާރި އެއްވެސް ވަރަކަށް ނުކުރާ ރަށްތައްކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށް ބަލިން ސަލާމަތް ކުރުމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި ކަރަންޓީން އުސޫލު އެކުލަވާލީ ރަށްތަކާއި އެރަށްރަށުގެ ރައްޔިތުން ނުރައްކަލުން ސަލާމަތްކުރުމަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ މާލެއިން ރިސޯޓަށް އަދި ރިސޯޓަކުން މާލެ އައިސް ކަރަންޓީންވާން ނުޖެހެނީ މާލޭގައި އޮތީ ކޮމިއުނިޓީ ސްޕްރެޑެއްކަމަށްވާތީ ކަމަށެވެ. އަދި ރިސޯޓަކުން ރަށަކަށްދާނަމަ 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ތިން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ރާއްޖެއިން ބޭރަށް ގޮސްފައި އަތުވެއްޖެނަމަ އަދި ވެސް 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހޭ ކަމަށެވެ. އެއީ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާ އަދި ދައުލަތުގެ ފަރާތުން މީހުން ބަލަހައްޓާ ތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވްނުވީސް ދޫނުކުރާނެ ކަމަށެވެ.