ކ. މާލެ
|
17 ޑިސެންބަރ 2020 | ބުރާސްފަތި 00:00
ރައީސުލްޖުމްހުރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު \"ނޫ ރާއްޖެ\" ޕްރޮގްރާމަށް އިންޓަވިއު ދެއްވަނީ
ރައީސުލްޖުމްހުރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު "ނޫ ރާއްޖެ" ޕްރޮގްރާމަށް އިންޓަވިއު ދެއްވަނީ
ރައީސް އޮފީސް
"ނޫ ރާއްޖެ" ޕްރޮގްރާމް އިފްތިތާހުކުރުން
"ނޫ ރާއްޖެ" ޕްރޮގްރާމުން ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށްދޭނެ: ރައީސް ޞާލިހު
ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަނާ ގުޅިގެން މަސައްކަތްކުރަން ފަށާފައި ވަނީ ރައީސް ސޯލިހުގެ ސަރުކާރުން
މިހާރުވެސް ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން ގުޅިގެން ދަނީ ކަނޑުފަޅުގެ ދިރާސާއެއް ހަދަމުން
މިއީ ކަނޑުފަޅުތައް ހިމާޔަތްކުރުމަށާއި، ކަނޑުފަޅުގެ ނަފާ ދެމެހެއްޓެނިވި ގޮތެއްގައި ހޯދުމުގެ މަގުސަދުގައި އުފެއްދި ޕާޓްނާޝިޕެއް

"ނޫ ރާއްޖެ" ޕްރޮގްރާމް ވެގެންދާނީ ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް، ރާއްޖޭގެ އިޤްތިސާދަކީ ތިމާވެއްޓާއި ރައްޓެހި އިގްތިސާދަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ އެހީއަކަށް ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިހެން ވިދާޅުވީ، ދިވެހި ސަރުކާރާއި، ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރަކާތްތެރިވާ "ބްލޫ ޕްރޮސްޕެރިޓީ" ކޯލިޝަން ގުޅިގެން ކުރިއަށްގެންދާ "ނޫ ރާއްޖެ" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި ޚާއްސަ ވީޑިއޯ މެސެޖުގައެވެ.

ރައީސް ޞާލިހު ވިދާޅުވީ، މިޕްރޮގްރާމް މެދުވެރިކޮށް ކުރާ ސައިންޓިފިކް ދިރާސާތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް ނޫ އިގްތިސާދެއް ބިނާކުރުމުގައި ގުދުރަތީ ދިރުންތައް ދެމެހެއްޓޭނެ ގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިޔަށް ދިޔުމަށް މެރިޓައިމް ސްޕޭޝަލް ޕްލޭންނެއް އެކުލަވާލާނެ ކަމަށެވެ. އަދި ސަރުކާރުގެ ޖަޒީރާ ރާއްޖެ އަދި ނޫ އިޤްތިޞާދުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން މި ޙަރަކާތުގެ ތެރެއިން ލިބިގެންދާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ޤައުމީ އިޤްތިޞާދާއި ޤައުމީ ދުޅަހެޔޮކަން ބަރޯސާވެފައި ވަނީ ތިމާވެއްޓާއި ވަކިން ޚާއްސަ ގޮތެއްގައި ކަނޑުތަކުގެ ދުޅަހެޔޮކަމާއި މުއްސަނދިކަމުގެ މައްޗަށް ކަމަށެވެ. އެހެންކަމުން ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ "ނޫ އިޤްތިޞާދު"ގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު 2 ސިނާއަތް ކަމަށްވާ މަސްވެރިކަމާއި ފަތުރުކަން ކުރިއެރުވުމުގައި ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ބާރުލިބޭ ކަންކަމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ، ރާއްޖޭގެ ކަނޑުތަކުގެ 20 އިންސައްތަ ހިމާޔަތްކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލްވުމަށްޓަކައި "ނޫ ރާއްޖެ" ޕްރޮގްރާމަކީ މުހިއްމު ހަރަކާތަކަށް ވެގެންދާނެ ކަމަށާއި ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ހިމާޔަތް ނުކުރެވިއްޖެނަމަ، ދިވެހިންގެ ދިރިއުޅުމަށާއި މުޅި ޤައުމުގެ އިގްތިސާދަށްވެސް އެކަމުގެ ނޭދެވޭ އަސަރު އެތައްގޮތަކުން ކުރާނެ ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ދިމާވި ގިނަ ދަތިތަކަކުން އަރައިގަނެ، ގައުމުގެ އިގްތިސާދު ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި ނޫ ރާއްޖެ ޕްރޮގްރާމަކީ މުހިންމު އަދި އެހާމެ ބޭނުންތެރި ޕްރޮގްރާމަކަށެވެ.

ނޫ ރާއްޖެ ޕްރޮގްރާމް އިފްތިތާޙު ކުރުމަށް ބޭއްވި ހަފުލާގައި، މި ޕްރޮގްރާމްގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް ޕެނަލް ޑިސްކަޝަންއެއް ވެސް ކުރިއަށްދިޔައެވެ.

މި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދާއި، މޯލްޑިވްސް މެރިން ރީސަރޗް އިންސްޓިޓިއުޓްގެ މެރިން ބަޔޮލޮޖިސްޓެއް ކަމުގައިވާ ހަނާ އާމިރާއި، ނޫ ރާއްޖޭގެ ޕްރޮގްރާމް ކޯޑިނޭޓަރ މޫސާ ޒަމީރު ޙަސަނާއި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ އެއް ބައިވެރިއެއް ކަމުގައިވާ ވެއިޓް އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑޮކްޓަރ ކެތެރިން މެންގެރިންކްއާއި، ވެއިޓް އިންސްޓިޓިއުޓްގެ ބްލޫ އިކޮނޮމީ ޑިރެކްޓަރ ޑޮކްޓަރ އަންގަސް ފްރައިޑޭ ހިމެނިވަޑައިގަންނަވައެވެ.

- ކޮމެންޓް