މާލޭ ސިޓީގައި ދިމާވާ އަލިފާނުގެ ހާދިސާތަކުން ދިމާވާ ގެއްލުމުން އަރައިގަތުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، މާލޭ ސިޓީ މަޖީދީ މަގުގައި ފަޔަރ ހައިޑްރަންޓް ސިސްޓަމްތައް ބަހައްޓަން ފަށައިފިއެވެ.
އަލިފާން ނިއްވުމަށް ފެން ފޯރުކޮށްދިނުމަށް މަޖީދީމަގުގައި ފަޔަރ ހައިޑްރަންޓް ސިސްޓަމް ބެހެއްޓުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެގޮތުން މަޖީދީ މަގުގައި ޖުމުލަ 12 ހައިޑްރަންޓް ބެހެއްޓުމަށް ނިންމާފައިވާއިރު، މިހާތަނަށް ތިން ހައިޑްރަންޓް ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.
އެމްއެންޑީއެފުން ބުނީ މިހާތަނަށް މަޖީދީ މަގުގެ މާފަންނު މަދަރުސާ ކައިރީގައާއި، މާފަންނު ސަހަރާ ކައިރީގައި އަދި ޝާރިއު ވަރުދީ ކައިރިން މަޖީދީމަގުގައި ހައިޑްރަންޓް ހަރުކޮށް ނިމިފައިވާ ކަމަށެވެ. އަދި އަސަރީގޯޅި ކައިރިން މަޖީދީ މަގުގައި ހަތަރުވަނަ ހައިޑްރަންޓް ބެހެއްޓުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މި ޕްރޮޖެކްޓްގައި މަސައްކަތަށް ބޭނުންވާ މެޓީރިއަލް ފޯރުކޮށްދިނުމާއި މަސައްކަތަށް ފަސޭހަކުރުމަށް ފެން ހިއްކަންޖެހޭ ހާލަތްތަކުގައި ފެން ހިއްކުމާއި ސައިޓް ސްޕަވައިޒްކުރުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިންނެވެ. މި މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.
މާލޭ ސިޓީގައި ފަޔަރ ހައިޑްރަންޓް ސިސްޓަމް ބެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް ތައުރީފްކޮށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ، އެއަރޕޯޓު އޮޕަރޭޝަނަލް ރެޑިނަސް އެންޑް ޓްރާންޒިޝަންގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަަމަށްވާ ޚާޝީފް ނަސީރު ކުރެއްވި ޓްވީޓުގައި ވަނީ މަޖީދީ މަގުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ފަޔަރ ހައިޑްރަންޓް ސިސްޓަމް ބެހެއްޓުމަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، މިކަމުގެ ސަބަބުން އަލިފާން ނިއްވުމަށް މީގެކުރިން އުފުލަންޖެހޭ އެތައް ދަތިތަކަށް އަވަސް ހައްލު ލިބިގެންދާނެ ކަމަށެވެ.
މާލޭ ސިޓީގައި ފަޔަރ ހައިޑްރަންޓް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް އަމަލީ ގޮތުން ކުރަމުންދަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއާއި އެމްޑަބްލިޔުއެސްސީ ގުޅިގެންނެވެ.