ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން އިތުރު ފަސް ވެންޓިލޭޓަރު ރާއްޖެ ފޮނުވައިފިއެވެ.
މި ފަސް ވެންޓިލޭޓަރު ރާއްޖެ ފޮނުވާފައި ވަނީ ޑްރެގާ ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަ ކަމަށްވާ އޭޑީކޭ ޖެނެރަލް ޓްރޭޑިންގ އާއި ހަވާލުކޮށްގެންނެވެ. މިއާއެކު އެ ކުންފުނިން ވަނީ ޖުމްލަ 15 ވެންޓިލޭޓަރު ރާއްޖެ ފޮނުވާފައެވެ. ކުރިން ރާއްޖެ ފޮނުވާފައި ވަނީ މޮބައިލް ވެންޓިލޭޓަރުތަކެއް ނަމަވެސް، ފަހުން ގެނައި ފަސް ވެންޓިލޭޓަރަކީ އައިސީޔޫގައި ބޭނުންކުރަން ހާއްސަ ވެންޓިލޭޓަރުތަކެކެވެ.
"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ރާއްޖެއަށް ފޮނުވާފައިވާ ފަސް ވެންޓިލޭޓަރު ޓެސްޓް ކުރުމަށް މިނިސްޓްރީގެ އިންޖިނިއަރިންގ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ލިބިފައިވާ ވެންޓިލޭޓަރުތަކުގެ އިތުރުން އިތުރު 60 ވެންޓިލޭޓަރު އެ ކުންފުނިން ފޮނުވަންޖެހޭ ކަމަށާއި ނަމަވެސް އެ ހުރިހާ ވެންޓިލޭޓަރުތައް ރާއްޖެއަށް އަދި ލިބޭނެ ސީދާ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.
ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ވެންޓިލޭޓަރުތައް ގެނައުމަށް އެގްޒެކިއުޓާސް ކުންފުންޏާއެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާއަށެވެ. ނަމަވެސް ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އޭސީސީ އަދި ފުލުހުން ވަނީ ތަހުގީގު ކޮށްފައެވެ.
ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތް މިނިސްޓްރީން ބޮޑެތި އޮޅުވާލުންތަކެއް ހިނގާފައިވާ ކަމަށް ފާހަގަވީ ކޮވިޑާ ގުޅިގެން ހިންގާފައިވާ ހަރަދުތައް، ރައްޔިތުންގެ މަޖިލިހުގެ އެންގުމަށް، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓަށް ފަހުއެވެ. އަދި އެ ހޯދުންތަކާއި ގުޅިގެން އޭސީސީން ކުރި ތަހުގީގަކަށް ފަހު، 11 މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ ފުރަތަމަ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވެސް ހިމެނިވަޑައިގަންނަވައެވެ.
ނަމަވެސް މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުކުރެވޭ މިންވަރަށް ހެކި ހުށައަޅާފައި ނުވާ ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ މި ދައުވާތައް އަނބުރާ ފޮނުވާލާފައެވެ. އަދި މިކަމުގައި އާންމުންގެ ކަންބޮޑުވުންތައް ހުރުމާ އެކު ރައްޔިތުންގެ މަޖިލިހުން ވަނީ ކަމާއި ގުޅޭ މުއައްސަސާތައް ހާޒިރުކޮށް މިކަމުގައި ޝާމިލްވީ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސްދިނުމަށް އެދިފައެވެ.
އެގްޒެކިއުޓާސް އާއި ދިވެހި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުންދާއިރު ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ މިހާތަނަށް އެކަމަށް ހަރަދު ކުރެވުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.