ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރައްވައިފިއެވެ.
މި ބިލަކީ 2020 ނޮވެންބަރު މަހުގެ 29 ވީ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. މި ބިލު ދިރާސާ ކުރި އިގްތިސާދީ ކޮމިޓީން ގެނައި އިސްލާހުތަކާއި އެކު ފާސްކުރުމަށް ވޯޓު ދެއްވާފައިވަނީ 56 މެންބަރުންނެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ، ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން، އަމިއްލަ ފަރުދަކު ނުވަތަ ޤާނޫނީ ޝަޚްސަކުން، ސަރުކާރަށް ނުވަތަ ދައުލަތަށް ދެއްކުމަށް ލާޒިމުކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ދައުލަތުގެ ނަމުގައި ބަލައިގަތުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) އަށް ލިބޭ ގޮތް ހެދުމަށްޓަކަައެވެ.
މި ބިލު ދިރާސާކޮށް ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވަނީ އެއްވެސް ޓެކުހަކާ ގުޅޭ ޖޫރިމަނާއެއް ނުވަތަ އެނޫންވެސް އަދަދެއް، ދައުލަތަށް ނުދައްކައި އޮވެއްޖެ ނަމަ، ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި އެ ފައިސާއެއް ހޯދުމަށްޓަކައި، ޝަރީއަތަށް މައްސަލަ ހުށައަޅައިގެން މީރާއަށް އެ ފައިސާ ހޯދޭ ގޮތަށް އިސްލާހު ހުށައަޅާފައެވެ. އަދި ޝަރީއަތުން މި ފަދަ މައްސަލައެއް ބަލާއިރު، ޓެކްސް ދައްކަން ޖެހި، ނުދައްކާ އޮތް ފަރާތުގެ ނަމާއި އެޑްރެސް އަދި ދައްކަން ޖެހޭ އަދަދުގެ ތަފްސީލު ހިމެނޭ، ކޮމިޝަނަރ އޮފް ޓެކްސްސޭޝަން ސޮއިކޮށްފައިވާ ލިޔުމަކީ އެ އަދަދު ސާބިތުކުރުމަށް އޮތް ހެއްކެއް ކަމަށާއި ނިޔާ ކަނޑައެޅުމަށް ލިބޭ އެކަށީގެންވާ ބާރެއްގެ ކަމުގައި ފުދޭނެ ކަމަށްވެސް ވެއެވެ.
އޭގެ އިތުރުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޓެކުހާ ގުޅޭ މުޢާހަދާތަކާއި، ޓެކުހާ ގުޅޭ އެ ނޫން ވެސް އެއްބަސްވުންތަކުގެ ދަށުން ބޭރު ޤައުމެއްގެ ނުވަތަ ސަރަޙައްދެއްގެ ޓެކުހާގުޅޭ އިދާރާއާއެކުގައި ޓެކުހާގުޅޭ މަޢުލޫމާތު ބަދަލުކުރުމާއި، ބަދަލުކުރެވޭ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާ ގުޅޭ އުސޫލުތައް ވެސް ތަފްސީލީ ގޮތެއްގައި މި ބިލުގައި ވަނީ ބަޔާން ކޮށްފައެވެ.
މި ބިލާއެކު ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި ސިއްރު ހިފެހެއްޓުމާއި މަޢުލޫމާތު ހާމަކުރުމަށް ގެނެވުނު ބަދަލުތަކާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޓެކުހަށްނުވާ އާމްދަނީ ބަލައިގަތުމާއި، ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މަލްޓިނޭޝަނަލް އެންޓިޓީތަކުން އެ އެންޓިޓީއެއް ނިސްބަތްވާ ގްރޫޕުގެ ވިޔަފާރި މުޢާމަލާތްތަކާއި ހިންގުމާގުޅޭ މަޢުލޫމާތު ހިމަނައިގެން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓެއް މީރާއަށް ހުށަހެޅުމާއި، ބެނެފިޝަލް އޯނަރުގެ މަޢުލޫމާތު ހޯދުމާއި އެ މަޢުލޫމާތު ބޭނުންކުރުމާއި، އެހެން ޤައުމުތަކާއި ނުވަތަ ސަރަޙައްދުތަކާ އެ މަޢުލޫމާތު ޙިއްޞާކުރުމާއި، ބެނެފިޝަލް އޯނަރުގެ މަޢުލޫމާތު ނެގިދާނެ ޙާލަތްތައް ޤާނޫނާ އެއްގޮތަށް ހަދައި، ކަމާގުޅޭ އުސޫލުތަކާއި ޤަވާޢިދުގައި ކަނޑައަޅާގޮތަކަށް އެކަން ކުރުމުގެ ބާރު ވެސް މީރާއަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޞާލިހު ތަސްދީޤުކުރެއްވުމާއެކު، އެ ޤާނޫނު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. އަދި، މި ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ޤަވާޢިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ވަނީ ހަމަޖެހިފައެވެ.