ދިވެހި ސިފައިންގެ ހިދްމަތާ އަލަށްގުޅުނު ސިފައިންގެ ހިނގާލުން (ޕްރޭޑް) ތިން ރަށެއްގައި ބޭއްވުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާއިން ބުނީ، ސިފައިންގެ އަސާސީ ތަމްރީން ނިންމައި، ސިފައިންގެ ހިދްމަތާ އަލަށްގުޅުނު ސިފައިންގެ ޕެރޭޑް ބޭއްވުމަށް ނިންމާފައި ވަނީ، ހދ. ކުޅުދުއްފުށިގައާއި ހއ. ދިއްދޫގެ އިތުރުން ހއ. އިހަވަންދޫގައި ކަމަށެވެ.
އެގޮތުން، މި މަހުގެ 17 ވަނަ ދުވަހުގެ 16:00 ގައި ކުޅުދުއްފުށީގައި އެ ޕެރޭޑް ބޭއްވޭއިރު، ދިއްދޫގައި 18 ވަނަ ދުވަހުގެ 16:30 ގައި އަދި 19 ވަނަ ދުވަހުގެ 16:30ގައި އިހަވަންދޫގައި ޕެރޭޑް އޮންނާނެ ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ. ޕެރޭޑް ބޭއްވޭ ރަށްތަކުގައި، އެ ރަށެއްގައި ޕެރޭޑް އޮންނަ ދުވަހުގެ ރޭ 20:00 ގައި ހަވާއެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރަށްތަކުގައި ސިފައިންގެ ޕެރޭޑް ކުރިއަށް ގެންދަން ނިންމީ، މީގެ ކުރިން މާލޭގައި ސިފައިންގެ ޕެރޭޑްތައް ބާއްވަމުންދާތީ އެކަން ބަދަލުކޮށް، ރަށްތަކަށްވެސް ސިފައިންގެ މިފަދަ ހަރަކާތްތައް ގެންދިއުމުގެ ބޭނުމުގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މިސަރުކާރުގެ މައިގަނޑު އެއް ސިޔާސަތަކީ، ޖަޒީރާ ވަންތައް، އަދި ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމެވެ.
އަންގާރަ ދުވަހު ވަނީ، ސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފަ އެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ، ޅ. މާފިލާފުށީގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ބޭސިކް ޓްރެއިނިންގ ސްކޫލްގައެވެ. މިއީ އެ ޓްރެއިންނިންގ ސެންޓަރުގައި މިފަދަ ރަސްމިއްޔާތެއް ބޭއްވި ފުރަތަމަ ފަހަރެވެ. ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް 97 ސިފައިން ވަނީ ސިފައިންގެ ޚިދުމަތާ ގުޅިފައެވެ. މީގެ ތެރޭގައި 17 އަންހެން ސިފައިންނާއި 80 ފިރިހެން ސިފައިން ހިމެނެއެވެ.