އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކުރުމުއްދަތަށް މާލެއިން އަތޮޅުތެރެއަށް ދާންޖެހޭ ފަރާތްތައް ޕީ.ސީ.އާރު ޓެސްޓް ހެދުމަށް ކަނޑައަޅާފައި އޮތް އޮތުން ހުއްޓައިލުމަށް ނިންމާ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އުސޫލަށް ބަދަލު ގެނެސްފިއެވެ.
ކުރިން އެޗްޕީއޭގެ އުސޫލު އޮތް ގޮތުން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތަކަށް ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީ.ސީ.އާރް ނަތީޖާއަކާއެކުއެވެ. އެ ފަރާތްތައް ކަރަންޓީނު ވާކަށްވެސް ނުޖެހޭނެއެވެ.
އެޗްޕީއޭ އިން ކަރަންޓީނު ނުވެ މާލެއިން ރަށްރަށަށް ދިޔުމުގެ ހުއްދަ ދެމުން އަންނަނީ ރަށްރަށުގައި އާއްމު ހިދުމަތްތައް ދިނުމަށާއި މަޝްރޫއުތަކުގެ މަސައްކަތްތައް ހިންގުމަށް ރަށަކަށް ދާން ޖެހޭ ފަރާތްތަކަށް އެކަންޏެވެ. ކަރަންޓީން ވާން ނުޖެހޭ ގޮތަށް 5 ދުވަހަށްވުރެ ކުރު މުއްދަތަކަށް ރަށްރަށަށް ދާ މީހުން 7 ދާއިރާއަކަށް ވަނީ ބަހާލާފައެވެ.
- ކޭބަލް އަދި މީޑިއާ ނެޓް ޚިދުމަތް
- ބޭންކުގެ ޚިދުމަތް
- ވޯޓަރ ސަޕްލައި، ކަރަންޓު ފަދަ ޔުޓިލިޓީ ޚިދުމަތްތައް
- ސިއްޙީ ޚިދުމަތް ދޭ ތަންތަނުގެ ކަންކަން ބެލުމާއި، ވަގުތީ ގޮތުން ދޭން ޖެހޭ ޚިދުމަތްތައް
- މެއިންޓެނެންސް މަސައްކަތްތައް
- ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ މަޝްރޫއުތަކާ ގުޅޭ މަސައްކަތްތައް
- އާންމު ޚިދުމަތްތަކާ ގުޅޭ އެހެނިހެން މަސައްކަތްތައް
އެޗްޕީއޭ އިން ބުނީ މި ބަދަލާއެކު ކުރު މުއްދަތަށް އެކި ބޭނުންތަކަށް އަތޮޅުތެރެއަށް ދަތުރުކުރާ ފަރާތްތަކުން، އެފަރާތްތަކުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިންއާ ޚިލާފަށް ޢަމަލުކުރާނަމަ ކަނޑައެޅިފައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެ ކަމަށެވެ.