ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ދެމި ހުންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، އ.ދ.ގެ ކުޑަކުދިންގެ ފަންޑް (ޔުނިސެފް)ގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޑޮކްޓަރ އެމް.މުނީރު އޭ.ސަފިލްޑިން އެކަމަނާގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބުދަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކަމަނާ ވަނީ، ޔުނިސެފްގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވްގެ ހައިސިއްޔަތުން ޑޮކްޓަރ މުނީރު ސަފިލްޑިން ކުރައްވާފައިވާ މަސައްކަތްޕުޅު ފާހަގަކުރައްވާ، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، އެ ޖަމުޢިއްޔާގެ އެޑްވޮކޭޓް ފޮރ ޗިލްޑްރަންސް ރައިޓްސްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުޞަތު ފާހަގަކުރައްވާ، އެއީ އެ ކަމަނާއަށް ލިބިވަޑައިގެންނެވި ޝަރަފެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މީގެއިތުރުން އެކަމަނާ ވަނީ، އެކި ބާވަތުގެ އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް ޤާނޫނީ ގޮތުންނާއި، އިޖުތިމާޢީ ދާއިރާއިން، އަދި މިފަދަ ކަންކަމާމެދު މުޖުތަމަޢުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާ، އެ ކަންކަން އިތުރަށް ހަރުދަނާކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، މި ކަމުގައި މުޅި މުޖުތަމަޢުގެ ދައުރު އިތުރަށް ފުޅާކުރުމާ ގުޅޭ ގޮތުން ވެސް އެ ކަމަނާ ވާހަކަފުޅު ދެއްކެވިއެވެ. އަދި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ދެމި ހުންނަވާނެކަމުގެ ޔަޤީންކަން އަރުވައި، ޑޮކްޓަރ މުނީރު ސަފިލްޑިންއަށް ފަހު ޔުނިސެފްގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވްގެ މަޤާމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅަކާ އެކުގައި ވެސް މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ޑޮކްޓަރ މުނީރު ސަފިލްޑިން ވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރާއި ޔުނިސެފް ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އަދި، ކުޑަކުދިންނަށް ކުރިމަތިވާ އެކި މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ވަކިން ޚާއްޞަކޮށް އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.