ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވޭނެކަމަށް ބޮޑަށް ބުރަވަނީ މާރޗު މަހުގެ 13 ވަނަ ދުވަހުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ޝަރީފު ވިދާޅުވީ އިންތިހާބަށް އެޑިޔުކޭޝަން މިނިސްޓްރީގެ ގިނަ ވަސީލަތްތަކެއް ބޭނުންކުރަމުން އަންނަ އިރު މާރޗު މަހުގެ 6 ވަނަ ދުވަހު އިންތިހާބު ބާއްވާނަމަ ގޮންޖެހުންތަކާއި ކުރިމަތިވާނެކަމަށެވެ. އެގޮތުން، އެ ހަފްތާއަކީ ސްކޫލް ކިޔެވުން އޮންނަ ހަފްތާއަކަށް ވުމާއި އެކު އޮފިޝަލުން އަތޮޅު ތެރޭގައި ތަމްރީނުކުރަން ދަތިތައް ދިމާވާނެކަމަށް ގަބޫލުކުރެވޭކަމަށެވެ. ސަބަބަކަށް ޝަރީފު ވިދާޅުވީ، އޮފިޝަލުން ތަމްރީނުކުރަނީ ސްކޫލްތަކުގެ މުވައްޒަފުންނާއި ޓީޗަރުންކަމަށެވެ.
ދާދިފަހުން ތައްޔާރުވި އެކަޑެމިކް ކަލަންޑަރަށް ބަލާލާއިރު 6 މާރޗަށް ފަހު އަންނަ ހަފްތާއަކީ މިޑްޓަރމް ބްރޭކްގެ ހަފްތާއަށް ވުމާއި އެކު މިހާރު އިލެކްޝަންސް ކޮމިޝަނުން، މާރޗު މަހުގެ 6ގެ ބަދަލުގައި އެ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް މަަޝްވަރާކުރަމުންދާ ކަމަށެވެ. އެގޮތަށް ކޮމިޝަނުން ރަސްމީކޮށް ނިންމާފައިނުވާއިރު އެންމެ ބޮޑަށް ބުރަވެވެނީ ހާލަތަށް ރިއާޔަތްކޮށް އަންނަ އަހަރުގެ މާރޗުމަހުގެ 13 ވަނަ ދުވަހު އިންތިހާބު ބޭއްވުންކަމަށް ޝަރީފު ތަކުރާރުކުރެއްވިއެވެ.
6 މާރޗަކީ އޭގެ ފަހުން އަންނަ ހަފްތާ އެކީ އެކައްޗަކަށް މި އޮންނަނީ ސްކޫލް ބަންދު ދުވަސްތަކެއްގެ ގޮތުގައި. އެއީ ޓަރމް ހޮލިޑޭސްގެ ގޮތުގައި. އެހެންވާނަމަ، ވޯޓުލާ ހޮނިހިރު ދުވަހުގެ ކުރީ ހަފްތާގައި އެކީ ސްކޫލްތައް އޮންނާނީ ވަރަށް ހަލަބޮލިކޮށް. ވަރަށް ބިޒީކޮށް ޓީޗަރުން އުޅޭނީ. އެބޭފުޅުންނަށް އަޅުގަނޑުމެންގެ ވޯޓުލާ އޮފިޝަލުންގެ ތަމްރީނުތަކާއި އެކަންތައްތަކުގައި ބައިވެރިވުމަށް ވަރަށް ބޮޑަށް ހުރަސްތަކެއް ދިމާވެދާނެކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވެނީ. އެހެންވީމައި އަޅުގަނޑުމެން މިހާރު މަޝްވަރާ އެބަކުރަން 6ގެ ބަދަލުގައި މާރޗު މަހުގެ 13ށް އިންތިހާބު ބާއްވާ ތާރީހު ބަދަލުކުރުމަށް. 6 މާރޗުގެ ބަދަލުގައި 13 މާރޗުގައި އިންތިހާބު ބޭއްވުމުގެ ޕޮސިބިލިޓީ ވަރަށް ބޮޑު.އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް
ޝަރީފް އިތުރަށް ވިދާޅުވީ، 13 މާރަޗަށް އިންތިހާބު ބަދަލުކުރުމުން އިންތިހާބުގެ މުޅި ތާވަލަށް އެއްހަފްތާގެ "ޑިލޭ"އެއް އަންނާނެކަމަށާއި ރޯދަ މަހުގެ ކުރިން އިންތިހާބު ބާއްވައި ނިމޭނެކަމަށެވެ. އަދި، ދެވަނަ ބުރުގެ އިންތިހާބުގެ ދެވަނަ ބުރު ރޯދަމަހުގެ ކުރިން ބޭއްވުނަސް އިންތިހާބުގެ ނަތީޖާ އިއުލާނުކުރުމާއި އިދާރީ ކަންކަން ފުރިހަމަ ކުރަންޖެހޭނީ ރޯދަ މަހުގެ ތެރޭގައިކަން ޝަރީފު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެއީ މާބޮޑު މައްސަލައެއް ނޫންކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ބަލަނީ އިންތިހާބުގެ ކަންކަން ރޭވުމުގައި ފަސޭހަތަކެއް ހުރިނަމަ އެ ބޭނުންކުރަންކަމަށެވެ. އެއީވެސް އިންތިހާބުގެ ތާާރީހް ބަދަލުކުރުމުގެ ޕޮސިބިލިޓީ ބޮޑުވާ އެއް ސަބަބު ކަމަށެވެ.
ޝަރީފު އިތުރަށް ވިދާޅުވީ، ތާރީހު ބަދަލުކުރީ އެޗްޕީއޭއިން ހުއްދަ ނުދިނުމުގެ ސަބަބުން ނޫންކަމަށާއި ހުއްދަ ލިބުނު ކަމުގައި ވިޔަސް، ޖެނުއަރީ 5ގެ ކުރިން ހުއްދަ ނުދީފިނަމަ މަސައްކަތް ކުރަން ގިނަ އުނދަގޫތަކެއް ވާނެކަމަށެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނު ބުނާގޮތުންނަމަ އީސީއަށް ކައުންސިލް އިންތިހާބު އިއުލާން ކުރެވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް ސަރުކާރުން އިއުލާން ކުރުމުންނެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރުވަނީ ދައްމާލާފައެވެ. ކައުންސިލް އިންތިހާބަށް ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން 114 ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.