ވިލާމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާންގެ ފުރަން އެއާޕޯޓަށް ގޮސް ހުއްޓައި އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ނިހާންގެ ޕާސްޕޯޓް ހިފަހައްޓައިފައިވާކަން ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވަނީ "ރާއްޖެއެމްވީ" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ރާއްޖެ އެމްވީއަށް ވިދާޅުވީ ނިހާންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އާއި ގުޅިގެން ކަމަށެެވެ.
ދާދިފަހުން ނިހާން ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށް ނިހާނުގެ އަގުބޮޑު ގަޑި އަދި ފްލެޓްއާއި ބެހޭ ގޮތުން ސުވާލުކޮށްފައެވެ. "ރާއްޖެއެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާން ހާޒިރުކޮށް، އޭނާއާ ސުވާލުކޮށްފައި ވަނީ އެމްއެމްޕީއާރްސީ ބޮޑު ޙިޔާނާތާ ގުޅިގެން ކަމަށެވެ. އޭގެ އިތުރުން، ނިހާނުގެ ފްލެޓާ ގުޅޭ ގޮތުން ވެސް ކޮމިޝަނުން ސުވާލުކޮށްފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާން ވަނީ ތަހުޤީޤުގައި ވަކީލެއްގެ ފުރުސަތަކަށް އެދިވަޑައިގަންނަވާފައެވެ. އަދި އެ ފުރުސަތު ދިނުމަށް ފަހު ތަހުޤީޤު އެހެން ދުވަހަކަށް ފަސްކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
ރައީސް ޔާމީނު ސަރުކާރުގައި ޕީޕީއެމް ކޯލިޝަނުގެ ޕީޖީ ލީޑަރުކަން ކުރެއްވި ނިހާން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނުލިބޭ ކަމަށް މީޑިއާގައި ވިދާޅުވެފައެވެ. ނަމަވެސް ރައީސް ޔާމީނު ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯއްދެވި ބޭފުޅުންގެ ތެރޭގައި ނިހާނު ހިމެނޭކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުން އަންނަނީ ބުނަމުންނެވެ.
ނިހާނު ވަނީ އެމަނިކުފާނު އަޅުއްވާ ގަޑި އަދި އެމަނިކުފާނު ދަރިކަލުން އަށް އުފަންދުވަހުގެ ހަދިޔާ އެއްގެ ގޮތުގައި ބައްލަވައިގަތް ފްލެޓަކީ ނިހާނުއަށް މަޝްހޫރު ވިޔަފާރިވެރިޔާ އަލްމަރްހޫމް އެއްލާދޫ މަނިކު ދެއްވި ހަދިޔާއެއް ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީނު ވެރިކަމުން ވެއްޓިވަޑައިގެންނެވުމުން ނިހާނު ވަނީ މި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ. ނިހާނުއަކީ މިހާރު ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.