ކޮވިޑު ޖެހިގެން މަރުވާ ލަންކާގެ މުސްލިމުންގެ ޖަނާޒާގެ ކަންކަމުގައި ރާއްޖެއިން އެހީތެރިވާން ނިންމި ނިންމެވުމަށް ތާއީދުކުރައްވާ، ދީނީ މިފަދަ ކަންކަމުގައި އަމިއްލަ ހިޔާލު ހުށަނޭޅޭނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝޭޙް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ލަންކާ މުސްލިމުންގެ ޖަނާޒާ ރާއްޖޭގައި ބޭއްވުމާ މެދު ދިވެހިންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައި، މިކަމާ ގުޅުވާ ކުރެއްވި ޓްވީޓުގައި ޝޭޙް އިލްޔާސް ވަނީ މުސްލިމުން ނިކަމެތިވާ ވަގުތުތަކުގައި އެހީތެރިވުމަކީ ދީނީ ވާޖިބެއްކަން ހަނދުމަކޮށްދެއްވާފައެވެ. އަދި އެ ވާހަކަތަކަށް ބާރު ދިނުމުގެ ގޮތުން، ޓްވީޓުގައި ކީރިތީ ރަސޫލާގެ ހަދީސްފުޅެއް ހިއްސާކުރެއްވިއެވެ.
ޝޭޙް އިލްޔާސް މިހެން ވިދާޅުވެފައިވާއިރު، ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލާން ތާއީދުކޮށް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ވާހަކަ ދައްކާފައިވެއެވެ. އަދި ސަރުކާރަށް ތާއީދުކުރައްވާ ގިނަ ސިޔާސީ ފަރާތްތަކަކުން ވެސް ވަނީ މި ނިންމެވުމަށް ތާއީދުކުރާކަމަށް ބުނެ، ސަރުކާރަށް ތައުރީފުގެ ބަސްތައް ރައްދުކޮށްފައެވެ. ނަމަވެސް ބައެއް ސިޔާސީ ފަރާތްތަކާއި، އާންމު ރައްޔިތުން މިކަމުގެ ދެކޭގޮތް ތަފާތެވެ.
އެގޮތުން މިކަމާ ދެކޮޅަށް އެންމެ ހަރުއަޑުން ވާހަކަދައްކަވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިމެނިވަޑައިގަންނަވައެެވެ. މި މައްސަލައިގައި ދެކިވަޑައިގަންނަވާ ގޮތް ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ، ލަންކާ މުސްލިމުންގެ ހަށިތައް ވަޅުލައި ދިނުމަކީ ދީނީ ގޮތުން ކޮށްދޭން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކޮށްދީފިނަމަ އެކަން ވާނީ ލަންކާ ސަރުކާރުން މުސްލިމުންނާ މެދު އަމަލުކުރަމުންދާ ގޮތަށް ކުރެވޭ ތާއީދަކަށް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ކޮވިޑު ޖެހިގެން މަރުވާ ލަންކާ މުސްލިމުން އަންދާ މައްސަލައިގައި އެ ގައުމުގެ ބައިމަދު މުސްލިމް އާބާދީގެ ނުރުހުން ރައީސް ގޯތާބަޔަ ރާޖަޕަކްސަގެ ސަރުކާރަށް އަމާޒުވެފައިވާއިރު، މިއީ މުސްލިމުންގެ ހައްގެއް ނިގުޅައިގަތުން ކަމަށް އެ ގައުމުގެ މުސްލިމުން ސިފަކުރެއެވެ. އަދި ލަންކާ މުސްލިމުންގެ ޖަނާޒާގެ ކަންކަން ހަމަޖައްސަން ރާއްޖޭގައި އެދުނުގެ ވާހަކަތައް މީޑިއާގައި ތިލަވީ ހިސާބުން އެ ގައުމުގެ ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތައް ހިމެނޭ ގޮތަށް، ލަންކާގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ސަރުކާރަަށް ފާޑުކިޔަމުންނެވެ.
ކޮވިޑު ޖެހިގެން މަރުވާ ލަންކާ މުސްލިމުންގެ ޖަނާޒާގެ ކަންކަން ރާއްޖޭގައި ހަމަޖައްސައިދޭން އެދުނީ އެ ގައުމުގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީފުޅެއްގައެވެ. އެ ސިޓީފުޅުގައިވާ ގޮތުގައި، ރާއްޖެއިން މި އިންތިޒާމުތައް ހަމަޖައްސައިދޭން ލަންކާ ސަރުކާރުން އެދެން ޖެހުނީ، މުސްލިމުންގެ ޖަނާޒާގެ ކަންކަން ފުރިހަމަކުރަން އެ ގައުމަށް ދަތިތަކެއް ކުރިމަތިވާތީއެވެ.