ދިވެހިންނަކީ ޞުލްޙަޔާއި ޢަމަނަށް ލޯބިކުރާ ބައެއް، ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ރާއްޖޭގެ ޤައުމީ ޝަޚްޞިއްޔަތާ ބީރައްޓެހި ކަމެއްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
ދެކުނު އޭޝިޔާ ސަރަޙައްދުގެ ޤައުމުތައް ހިމެނޭގޮތަށް، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގައި މަޢުލޫމާތާއި ބެސްޓް ޕްރެކްޓިސް ޙިއްސާކުރުމަށް ޚާއްޞަ ވިއުގައެއް ޤާއިމްކުރުމާ ބެހޭގޮތުން، ޔޫ.އެން އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އިން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ، ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ މި ދަތި އުނދަގޫ ޙާލަތުގައިވެސް، ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑުވެފައިވާކަން ފާހަގަކުރައްވައި މި ނުރައްކަލާ ކުރިމަތިލުމުގައި ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރައީސް ޞާލިޙްގެ ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލެރަންސް" ސިޔާސަތުގެ ދަށުން، އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވަމުން، މިނިސްޓަރ މާރިޔާ ވަނީ، ދިވެހިރާއްޖޭގެ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނާއި ނޭޝަނަލް ޕީ.ސީ.ވީ.އީ އެކްޝަން ޕްލޭނާއި، ނޭޝަނަލް ކައުންޓަރޓެރަރިޒަމް ސެންޓަރުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ދިވެހިރާއްޖެއަށް ފަތުރުވެރިން އަލުން ޒިޔާރަތްކުރަން ފަށާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ މާރިޔާ ވަނީ، ދިވެހިންނަކީ އަބަދުވެސް ޞުލްޙަޔާއި ޢަމަނަށް ލޯބިކުރާ، ހިތްހެޔޮ ބައެއް ކަމަށާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ދިވެހިރާއްޖޭގެ ޤައުމީ ޝަޚްޞިއްޔަތާ ބީރައްޓެހި ކަންކަން ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ސައުތު އޭޝިއަން ރީޖަނަލް ޕްރިވެންޓިންގ ވަޔަލެންޓް އެކްސްޓްރީމިޒަމް ނެޓްވަރކް ޤާއިމްކުރުމުގައި ދިން އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، އަވަށްޓެރި ޤައުމުތަކަށާއި، ޔޫ.އެން.އޯ.ޑީ.ސީ އަށާއި، މާލީގޮތުން އެހީތެރިވި ޖަރުމަންވިލާތަށް ޝުކުރު އަދާކުރައްވާފައެވެ.
މިނެޓްވަރކް ޤާއިމްކުރުމުގައި ރާއްޖެއިން އިސްދައުރެއް އަދާކޮށްފައިވާއިރު، މިނެޓްވަރކްގެ އެންމެ ފުރަތަމަ ހޯސްޓް ގައުމަށްވުމުގެ މުހިންމު އަދި ބޮޑު ޒިންމާ ރާއްޖެއަށް އަދާކުރެވޭނެކަމަށް އިތުބާރުކޮށް، އެޒިންމާ ޙަވާލުކޮށްފައިވާތީ، މިނިސްޓަރ މާރިޔާވަނީ ބައިނަލްއަޤްވާމީ ޕާޓްނަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.