ށ. ފީވަށް ބަނދަރު ތަރައްގީ ކުރުމުގެ ބޮޑު ބައެއްގެ މަސައްކަތް ނިންމާލައިފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ފީވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 65 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 474 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށާއި 356 މީޓަރު ސަރަހައްދެއްގެ ބޭރު ތޮށިލުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި 2،320 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަށް 69.3 މިލިއަން ރުފިޔާ ހަރަދުވާނެ ވަނީ ލަފާކޮށްފަ އެވެ.
މި މަޝްރޫއު މޮބިލައިޒް ކުރެވިފައިވަނީ 13 ސެޕްޓެމްބަރ 2019 ގައެވެ.