ކޮވިޑް-19 އަށް އިތުރު 11 މީހަކު ޕޮޒިޓިވްވެ، 25 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން އާދީއްތަ ދުވަހުގެ އިރުއޮއްސި 06:00 އިން ފެށިގެން ހޯމަ ދުވަހުގެ އިރުއޮއްސި 06:00 އާއި ހަމައަށް 1854 މީހެއްގެ ގައިން ސާމްޕަލް ނަގައިފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 11 މީހެކެވެ.
އަދި އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 593 ތިރިވެފައެވެ. އެގޮތުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 7 މީހުން މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައިވާއިރު، މީހުން ދިރިއުޅޭ ރަށްރަށުން އެކަކު، ރިސޯޓްތަކުން 3 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
މި ވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވަނީ 62 ގައި ހިފެހެއްޓިފައިވާއިރު، ރާއްޖެއިން މިހާތަނަށް 13،379 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ބަލިން ފަސޭހަވީ މީހުންގެ އަދަދަކީ 12،731 އެވެ. އަދި މި ބަލީގައި ރާއްޖެއިން 48 މީހަކު ވަނީ ނިޔާވެފައެވެ.